ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެފައިވާތީ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން ބައެއް ޕޭޕަލް މަރޗަންޓުން ބްލޮކްކޮށްފައިވާކަމަށެވެ.

އަދި މި މަރޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ކުރިމަތިވިކަމަށާއި ނަމަވެސް މިހާރު ޕޭޕަލްގައި ހުރި ހުރިހާ މަރޗެންޓުން އަންބޮލޮކް ކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ކުރިއަށް އޮތްތާނގައިވެސް ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި މަރޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެކަމުގެ ޔަޤީންކަންވެސް ބީއެމްއެލްއިން ވަނީ ދީފައެވެ.

ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާ ނަމަ 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށައެޅުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.