ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ އަތޮޅު ތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
އެލާޓް ނެރެފައިވަނީ ފަތިހު 4:40 އިން ހެނދުނު 8:00 އާ ހަމައަށެވެ.
މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އާންމުކޮށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއު 5 ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް ވެސް އެތަނުން ބުނެފައިވެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އެދިފައެވެ.