ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރާ ކުރާނެ ކަމަށް ލަފާކޮށް އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އަންގައިފިއެވެ.

މެޓުން ބުނެފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށް ބޯކޮށްވާރޭވެހުމުގެ އިތުރުން ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގާ ކަމަށް ބުނެފައިވެއެވެ. ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ބުނެފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް ވެސް ބުނެފައވެއެވެ.