އެސްޓީއޯ ޓްރޭޑްސެންޓަރ (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ. ކުންފުނީގެ ބޯޑުން އިއްޔެ އެކަން އެގޮތަށް ނިންމިޔަސް އެ އަދަދު ފައިނަލް ކުރާނީ ހިއްސާދާރުންގެ އާންމު ބައްދަލުވުމުގައެވެ.

2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް އެސްޓީއޯ އިން ބަހާފައިވަނީ 58 ރުފިޔާއެވެ. އެއަހަރު އެސްޓީއޯއަށް 383 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

މިއަހަރު ވެސް އެންމެ ބޮޑު ފައިދާވި ކުންފުނި ތަކުގެ ތެރޭގައި އެސްޓީއޯ ހިމެނެއެވެ. އެހެން ކަމުން އެންމެ ބޮޑު އަދަދެއް ހިއްސާދާރުންނަށް ދޭން ނިންމީ ވެސް އެކުންފުނިންނެވެ. މިދިޔަ އަހަރު އެކުންފުންޏަށް 4 ކުއާޓަރުގައި ވެސް ލިބިފައިވަނީ ފައިދާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެސްޓީއޯ އަށް ވަނީ 109 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މިއީ 2.1 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ލިބުނު ފައިދާއެވެ. މި ކުއާޓާރުގައި އެންމެ ބޮޑު ފައިދާއެއް އެކުންފުންޏަށް ލިބިފައިވަނީ ތެލުންނެވެ. ތެލުގެ ވިޔާފާރިން ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެނިހެން ވިޔަފާރި ތަކުން 706 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.