އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓަ ސިޓީ އަތުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމުން މެންޗެސްޓަރ ސިޓީއަށް ލީގް ޗެމްޕިއަންކަން ކަށަވަރު ވެއްޖެއެވެ.
މެންޗެސްޓަރ ސިޓީއިން ލީގް ޗެމްޕިއަންކަން ކަށަވަރު މިކުރީ ބާކީ 3 މެޗް އޮއްވައެވެ. ތާވަލުގެ ކުރީގައި ސިޓީ 80 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި މެން.ޔުނައިޓެޑް އޮތީ 70 ޕޮއިންޓާއެކުއެވެ. ކުރިއަށް އޮތް ތިން މެޗުން މޮޅުވެގެންވެސް މެން.ޔުނައިޓެޑަށް ހަމަކުރެވެން އޮތީ 79 ޕޮއިންޓެވެ.
މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި ސިޓީއިން ޗެމްޕިއަންކަން ހޯދި 5 ފަހަރެވެ. އަދި މަޝްހޫރު ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ޕްރިމިއަރ ލީގް ކާމިޔާބު ކުރި 3 ވަނަ ފަހަރެވެ. މީގެ ކުރިން ސިޓީއިން ލީގް ކާމިޔާބު ކޮށްފައި ވަނީ އިޓަލީގެ ރޮބާޓޯ މަންޗިނީ އާއި ޗިލީގެ ކޯޗް މެނުއަލް ޕްލެގްރިނީގެ އިރުޝާދުގެ ދަށުންނެވެ.
ސިޓީއަށް ޗެމްޕިއަންކަން ކަށަވަރު ވުމަށްފަހު ގާޑިއޯލާ ދިން ފުރަތަމަ އިންޓިވިއުގައި ބުނީ މިފަހަރު ޗެމްޕިއަންކަން ލިބުން ވަރަށް ބޮޑަށް ހާއްސަވާ ކަމަށެވެ. "މިއީ އެންމެ އުނދަގުލުން ލިބުނު ތަށި (ޕްރިމިއަރ ލީގް ތަށި). ކުރިން ދެފަހަރަށްވުރެ މިފަހަރު ތަށި ހާއްސަވަނީ މިސަބަބާހުރެ. އަހަރެން ވަރަށް ފަހްރުވެރިވަން ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާމެދު" ގާޑިއޯލާ ބުންޏެވެ. އެންމެ އުނދަގުލުން ނެގުނު ތަށި ކަމަށް ގާޑިއޯލާ ނިސްބަތްކުރި މައިގަނޑު ސަބަކީ ސީޒަނުގެ ކުރީ ކޮޅާއި މެދު ތެރެއިން އިންޖަރީގެ ސަބަބުން މުހިއްމު ކުޅުންތެރިން ކަމުގައިވާ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ގެބްރިއަލް ޖީސަސް، މިޑްފީލްޑަރު ކެވިން ޑްބްރޭނާ އާއި ފާނާންޑީނިއޯ އާއި ގުންޑޮގަން އަދި ޑިފެންޑަރު ކައިލްވޯކާ ނުލައި މުހިއްމު މެޗުތަކެއް ކުޅެން ޖެހުމަށެވެ. ސީޒަނުގެ ފުރަތަމަ ދިހަވަރަކަށް މެޗް ކުޅުނުއިރުވެސް ސިޓީ އޮތީ 11 ވަނައިގައެވެ. ޓީމުގެ ނަތީޖާތައް ބަދަލު ވެގެންދިޔައީ ޓީމު ކުޅެމުންދިޔަ ފޯމޭޝަނަށާއި ރޮޓޭޝަނަށް ބޮޑެތި ބަދަލުތަކެއް ގާޑިއޯލާ ގެނައި ފަހުންނެވެ.
1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ޕްރިމިއަރ ލީގުގެ ނަމަށް ރީ-ބްރޭންޑް ކުރިފަހުން 13 ފަހަރު ޗެމްޕިއަންކަން ހޯދައި އެންމެ ކާމިޔާބު ކްލަބުގެ ޝަރަފް އޮތީ މެން.ޔުނައިޓެޑުގެ އަތުގައެވެ. އޭގެ ފަހަތުން އަންނަނީ ސިޓި އާއި ޗެލްސީއެވެ. އެއަށްފަހު އަންނަނީ 3 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އާސެނަލްއެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގެ ދެން ކާމިޔާބު ކޮށްފައި ވަނީ ބްލެކްބާން ރޯވާސް އާއި ލިވަޕޫލް އަދި ލެސްޓަރ ސިޓީއެވެ.