މާދަމާއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށްފަހު މުސްލިމުންނަށް އަންނަ އުފާވެރޮ ފިތުރު ޢީދު ދުވަހެވެ.

މި ޢީދުގެ އުފާވެރިކަން މިފަހަރު އިތުރުކުރެވެންއޮތީ ބޮޑު ގުރުބާނީއެއް ވެގެންނެވެ. އެއީ ބާރަށް ފެތުރެމުންދާ ކޮވިޑުން ސަލާމަތްވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ތުނޑުންތުނޑަށް އެޅުމެވެ. އެޗުޕީއޭގެ ގައިޑްލައިންތަކަށް އެންމެ ފުރިހަމައަށް އަމަލު ކުރުމެވެ.

އެޗުޕީއޭއިން ބުނެފައިވަނީ މި އީދު ދުވަސް ރައްކާތެރިކަމާއެކު ފާހަގަ ކުރުމަށް ހުރިހާ އެންމެން ވެސް އެކުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އީދުގެ އުފާ ފާޅު ނުކުރާ ވާހަކައެއް ނޫނެވެ. ރައްކާތެރި ކަމާއެކު ފާހަގަ ކުރެވިދާނެ ވާހަކައެވެ. އެއީ ގައިދުރުކަން ބެހެއްޓުމާއި، ރަނގަޅަށް މާސްކު އެޅުމާއި، ސައިބޯނި ލައިގެން އަތްދޮވުމާއި ސެނަޓައިޒް ކުރުންފަދަ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމެވެ. އަދި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމެވެ.

އެޗުޕީއޭއިން އިރުޝާދު ދީފައިވަނީ އީދާ ގުޅިގެން ބާއްވާ އެއްވުންތަކާ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށެވެ. ދިމާވާ މީހުންގެ އަދަދު މަދުކުރުމަށެވެ. އޭރުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވެ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ރަނގަޅު ގޮތަކީ މި ދުވަސްވަރު ތިމާއާއެކު އެއްގެއެއްގައި އުޅޭ މީހުން ފިޔަވައި އެހެން ބަޔަކާ ބައްދަލު ނުކުރުމެވެ. އީދުގެ އުފާ އޮންލައިންކޮށް ފާޅު ކުރުމެވެ. ނަމަނަމަ ގޯހެއް ނުހަދާށެވެ. ތިބާއާއި އަޅުގަނޑާއި ދެން ތިބި މީހުންގެ ރައްކަލަކަށްޓަކައެވެ. ސަބަބުތަކުގައި ފުރިހަމައަށް ހިފާށެވެ. ހާލަތަށް ވިސްނައި ފަރުވާތެރިވާށެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮންނާށެވެ. މާސްކު އަޅާށެވެ.