ކިތަންމެ ދިގުލައިގެން ދިޔަ ނަމަވެސް އިސްރާއީލާ ހަނގުރާމަ ކުރުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް، ހަމާސް ޖަމާއަތުން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ފިޔައިގެ ޑެޕިއުޓީ ޗެއަރމަން ސާލިހް އަރޫރީ ވިދާޅުވީ، އިސްރާއީލާ ދިގު މުއްދަތަކަށް ކުރިމަތިލުމަށް ބޭނުންވާ ވަސީލަތްތަކާއި، ގާބިލްކަން ހަމާސްއަށް ލިބިގެންވާ ކަމަށެވެ.

އަލް އަގްސާ ޗެނަލްއަށް މައުލޫމާތު ދެއްވަމުން ސާލިހް އަރޫރީ ވިދާޅުވީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގައި އިސްރާއީލުން ބިނާކޮށްފައިވާ އަވަށްތަކަށް ހަމާސްއިން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކަކީ، ގުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް ތަންތަނަށް ބޮން އަޅަމުންދާތީ އެކަމުގެ ރައްދުގައި ދެވުނު ހަމަލާތަކެއް ކަމަށްވެސް ހަމާސްގެ ޑެޕިއުޓީ ޗެއަރމަން ސާލިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެފަދަ ހާލެއްގައިނަމަވެސް މަސްޖިދުލް އަގްސާ ހިމާޔަތް ކުރަން ހަމާސް އޮތީ ތައްޔާރަށް ކަމަށެވެ.

ގުދުސްގައި އިސްރާއީލުން ބޭނުންހާ ކަމެއް ކުރުމުގެ ފުރުސަތު ހަމާސްއިން ދުވަހަކުވެސް ނުދޭނޭ ކަމަށް ސާލިހް އަރޫރީ ވިދާޅުވިއެވެ.

ހަމާސްއިން މިހާރުވެސް ގެންދަނީ، އިސްރާއީލުގެ ތެލްއަވީވަށް ރޮކެޓާއި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ހަމާސްގެ އިތުރުން، ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި، އެނޫންވެސް މުޖާހިދުންގެ ޖަމާއަތްތައް ގުޅިގެން ގެންދަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކުގައި އިސްރާއީލަށް އުމްރާނީ ބޮޑެތި ގެއްލުންތައް ލިބި، ބައެއް މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވަމުންދާއިރު، އިސްރާއީލުގެ ދެކުނުގެ ހިސާބުތަކުގައި މިހާރުދަނީ މެދުނުކެނޑި އިންޒާރުގެ ރަނގަބީލު ޖަހަމުންނެވެ.

ނާބުލުސްގައި ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ ދެމީހުން ބުދަދުވަހު ޒަޚަމްކޮށްލާފައި ވާއިރު، ޣައްޒާއިން ފޮނުވާލި ރޮކެޓްތައް އަމާޒުވެ އިސްރާއީލުގެ ސްޑެރޮޓް ނަމަކަށްކިޔާ ސިޓީއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އިސްރާއީލު ސިފައިން ބުދަދުވަހު ޣައްޒާއަށް ބޮންއަޅަނީ:

ރައްދުގައި އިސްރާއީލު ސިފައިން ގެންދަނީ ޣައްޒާގެ އެތަން މިތަނަށް ބޮން އަޅަމުންނެވެ. އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ގެންދަނީ ބޮން އަޅަމުންނެވެ.