އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 103 އަށް އަރައިފިއެވެ.

އިސްރާއީލު ސިފައިން އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅަންފެށިތާ ހަތަރު ދުވަސް ފާއިތު ވެގެންދިޔައިރު، ފިތުރު އީދުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 103 މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި 27 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މި ހަމަލާތަކުގައި މިހާތަނަށް 580 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން މިހާރުވެސް ގެންދަނީ މެދުނުކެނޑި ޣައްޒާގެ އެކި ރަށްތަކުގެ އިމާރާތްތަކަށް ބޮން އަޅަމުންނެވެ. ހަމަލާތައް އަމާޒުވަމުންދާ ގިނަ އިމާރާތްތަކަކީ އާންމުން ދިރިއުޅޭ އިމާރާތްތަކެވެ.

އިސްރާއީލު ސިފައިންގެ ހަމަލާ އަމާޒުވި އިމާރާތެއް އަރިއަޅާލާފައި:

ރަފަހްގައި ހުންނަ ޣައްޒާގެ ހޯމް ސެކިއުރިޓީ މައި މަރުކަޒުވެސް ބުރާސްފަތި ދުވަހު ބޮން އަޅައި ގޮއްވާލާފައި ވެއެވެ.

އާންމުން ދިރިއުޅޭ އެތައް އުސް އިމާރާތަކާއި، ގެތަކެއް ހަމަލާތަކުގައި ބިމާ ހަމަވެފައިވާއިރު، އިސްރާއީލުން މިހާރުވަނީ އެއްގަމު މަގުންވެސް ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ. މިހަމަލާތަކުގައި ކުޑަކުދިންނާއި، އަންހެނުންނާއި އެތައްބަޔަކު ދަނީ ޝަހީދުވަމުންނެވެ.

ޣައްޒާގެ ތަންތަނަށް އިސްރާއީލުން ހަމަލާ ދެމުންގެންދާއިރު، ހަމާސްއާއި ޣައްޒާގެ އެހެނިހެން ޖަމާއަތްތައް ގުޅިގެން ގެންދަނީ އިސްރާއީލަށްވެސް މިސައިލާއި ރޮކެޓުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ނުވިތާކަށް، އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަށްވެސް އެތައް ހަމަލާއެއް އަމާޒުވަމުން އެބަދެއެވެ.

އިސްރާއީލުން ބުނެފައިވަނީ، އިސްރާއީލުގެ ރަށްތަކަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 6 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިންޑިއާ ރައްޔިތަކުވެސް މަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލުގެ ރަށްތަކަށް އެތައްސަތޭކަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ދެފަރާތުގެ ކުރިމަތިލުންތައް ވަރުގަދަ ވަމުންދާއިރު، އިސްރާއީލުގެ އެތެރޭގައިވެސް ބޮޑެތި ހަމަނުޖެހުންތައް ފެށި، އަނިޔާވެރި އެތައް ޖަރީމާތަކެއް ހިނގަމުން އެބަދެއެވެ.

އެގޮތުން، އިސްރާއީލުގެ ރަށްވެހީންގެ ގޮތުގައި އުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނާއި، އިސްރާއީލުގެ ވަޒަންވެރީންނާ ދެމެދު ބޮޑެތި ލޭއޮހޮރުވުންތަކެއް ވަނީ ފެށިފައެވެ.

އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު މީހުން ހޯދަން ރަށުތެރޭގައި ހިނގަނީ:

ހަރުކަށި ފިކުރުގެ ޔަހޫދީން ގެންދަނީ، ގްރޫޕް ހަދައިގެން ރަށުތެރެއަށް ނުކުމެ ފަލަސްތީނު ދަރިކޮޅުގެ މީހުން އަތުލައި އެމީހުންގެ ގައިގައި ތަޅައި މަރަމުންނެވެ. އެމީހުންނަށް ސިފައިންނާއި ފުލުހުން އެހީތެރިވާ ކަމަށްވެސް މީޑިއާއިން ރިޕޯޓްކުރެއެވެ.

ފަލަސްތީނު ދަރިކޮޅުގެ މީހުންވެސް ބައެއް ރަށްތަކުގައި އިސްރާއީލުގެ ވަޒަންވެރިންނަށް ހަމަލާދީ، ތަންތަނުގައި ހުޅުޖަހައި ގެއްލުންދެމުން އެބަދެއެވެ.