އިނގިރޭސި ޕްރިމިއަރ ލިގުގައި ރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް 4-2 އިން ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓެރެފޯޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ގޯލާ ރައްޓެހި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއެވެ. ލިވަޕޫލުން އެއްވަރު ކުރީ މެޗުގެ 34 ވަނަ މިނެޓުގައި ޕޯޗުގަލްގެ ނުރައްކާތެރި ފޯވާޑް ޑިއޭގޯ ޖޮޓާގެ ލަނޑުންނެވެ. ލިވަޕޫލުން ލީޑް ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ފިރްމީނޯ ކާމިޔާބު ކުރި ލަނޑަކުންނެވެ. ދެވަނަ ހާފް ފަށައިގެން ޔުނައިޓެޑަށް ހަމަޖެހި ނުލެވި އުޅެނިކޮށް ލިވަޕޫލުން ލީޑް ފުޅާ ކުރީވެސް ފިރްމީނޯގެ ލަނޑަކުންނެވެ. މެޗުގެ ފޯރި އިތުރަށް ގަދަ ވެގެންދިޔައީ މާކޯސް ރަޝްފާޑުގެ ލަނޑުން 68 ވަނަ މިނެޓުގައި ޔުނައިޓެޑުން ފަރަގު ކުޑަ ކުރަމުންނެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް ފެނަށް ވެގެންދިޔައީ މެޗުގެ 90 ވަނަ މިނެޓުގައި މިސްރުގެ ތަރި މުހައްމަދު ސަލާހް ލިވަޕޫލަށް ކާމިޔާބު ކޮށްދިން ލަނޑާއެކުއެވެ.

ޔުނައިޓެޑް ކޮޅަށް ސަލާހް ލަނޑު ޖަހަނީ.

މިއީ 2014 ވަނަ އަހަރުގެ މާރިޗް މަހުގެ ފަހުން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލުން ހޯދި ފުރަތަމަ މޮޅެވެ. އެމެޗުން ލިވަޕޫލް މޮޅުވީ 3-0 އިންނެވެ. އޭގެ ފަހުން އޯލްޑް ޓްރެފޯޑުގައި މިދެޓީމު 14 ފަހަރު ބައްދަލު ކޮށްފައިވާއިރު 10 މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އަނެއް ހަތަރު މެޗް ނިމުނީ އެއްވަރު ވެގެންނެވެ.

މިމޮޅާއެކު މިހާތަނަށް ކުޅުނު 35 މެޗުން 60 ޕޮއިންޓް ލިބި ލިވަޕޫލް އޮތީ ތާވަލުގެ 5 ވަނަ މަގާމުގައެވެ. ލިވަޕޫލަށް ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ލިބެން އޮތީ ތާވަލުގެ 4 ވަނައިގައި 64 ޕޮއިންޓާއެކު އޮތް ޗެލްސީ އާއި 66 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައި އޮތް ލެސްޓަރ ސީޓީއަށް ކުރިއަށް އޮތް ދެމެޗުން މޮޅު ނުވެވިއްޖެނަމައެވެ. ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލެސްޓަރ ސިޓީ އާއި ޗެލްސީއަށް ލީގުގައި ކުރިއަށް އޮތް ދެމެޗުގެ ތެރޭގައި އެދެޓީމު ބައްދަލު ކުރަން ޖެހޭ މެޗެއް އޮތުމެވެ. ލިވަޕޫލަށް ކުރިއަށް އޮތް ތިން މެޗް ކާމިޔާބުކޮށް 69 ޕޮއިންޓް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލަށް ކުރިއަށް އޮތް ތިން މެޗަކީ ވެސްޓް ބްރޮމް އާއި ބާންލީ އަދި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ޕްރިމިއަރ ލީގުން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގް ކުޅުމުގެ ފުރުސަތު މިހާރު ޔަގީން ކުރެވިފައި ވަނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ތާވަލުގެ ދެވަނައިގައި 70 ޕޮއިންޓާއެކު އޮތް ޔުނައިޓެޑަށެވެ.