މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މައްސަލައަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ތަޙްޤީޤު ފަށައި ބައެއް މީހުންނަށް ހުކުމް ވެސް ކޮށްފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެމްޑީޕީ ވަނީ ވެރިކަމަށް އައިސް އެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާއި އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާދިނުމުގެ އިތުރުން، އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް އުނިކޮށްފައި ކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ އެމްޑީޕީ ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ނޫން ކަމަށެވެ. "އެއީ އެ ކޮމިޝަންގެ ރައީސް އަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށް ވުމެވެ. އަދި އެ ކޮމިޝަން އުފައްދައިގެން 2 އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުން ދޭހަވަނީ އެ ކޮމިޝަނާއި ޙަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް ކަމެވެ. އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދެއެވެ. އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ޙިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަޤްޞަދު ވަރަށް ބޮޑަ ހާމަވެގެން ދެއެވެ. އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫނެވެ. ހަމައެއާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް ފާހަގަ ކުރަމެވެ. މީގެ އިތުރުންވެސް، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަޙުޤީޤުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދެއެވެ." ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.
ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށާއި އެ ޕާޓީއަށްވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ޚަރަދު ކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ. ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބު ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ކޯލިޝަނުން ފާހަގަ ކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް ޢާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރާ ކަމަށް އެބަޔާނުގައި ވެއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ޙިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ނުފުއްދޭނެ ކަން ޔަޤީން ވުމާއެކު، އެ ޚިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ޙިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން، އެހާމެ ޒިންމާދާރުކަން ކުޑަކޮށް މައުސޫމް އެތައް ރައްޔިތެއްގެ އަބުރު ކަތިލުމަށް ސިޔާސީ ލިސްޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާއި ޙިއްސާ ކުރި ކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ޖަރީމާއާއި، އަދި އެހާމެ ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ އެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ޢާންމުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް އެގޮތުގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަމުގައި ޝާމިލުވެފައިވާ އެންމެނަށް ހައްޤު އަދަބު ދިނުމަށްވެސް ވަނީ ގޮވާލައިފައެވެ. ހަމައެއާއެކު، ލިސްޓު ޢާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމަށް ވެސް ވަނީ ގޮވާލައިފައެވެ.
"މިކަމާއި ގުޅިގެން މިކޯލިޝަންގެ ފަރާތުން ހާމަކުރަން ޖެހޭ އިތުރު މަޢުލޫމާތު ހާމަކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ޕްރެސް ކޮންފަރަންސެއް ވަރަށް އަވަހަށް ބާއްވާނެ ކަމާއި، މިކަމާއި ގުޅިގެން ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން މިކޯލިޝަންގެ ފަރާތުން ކުރަމުން ގެންދާ ވާހަކަވެސް ދަންނަވަމެވެ."