އިސްރާއީލުގެ އުދުވާނީ ސިފައިން ހުޅަނގު އައްސޭރީގައިވެސް ހަމަލާދީ މީހުން ޝަހީދުކުރަން ފަށައިފިއެވެ.

މިދިޔަ ހޯމަދުވަހުން ފެށިގެން އިސްރާއީލުން ގެންދަނީ މެދުނުކެނޑި ޣައްޒާއަށް ބޮން އަޅަމުންނެވެ.

ޣައްޒާގައި ހިންގާ އުދުވާނާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރާން ފެށުމުން އިސްރާއީލު ސިފައިން މިއަދުވަނީ ފަލަސްތީނު ހަމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.

ފަލަސްތީނު ސަރުކާރުގެ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވީ، އިސްރާއީލު ސިފައިން ފަލަސްތީނުގެ ފަސްމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލީ އިސްރާއީލު ސިފައިންނާ ދިމާއަށް ގާއުކަން އުޅެނިކޮށް ކަމަށެވެ.

ހަވަނަ މީހާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލީ، އިސްރާއީލު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުނެފައި ވެއެވެ.

ހުޅަނގު އައްސޭރީގައި ކުރިމަތިލުންތައް ވަރުގަދަ ވަމުންދާއިރު، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލަމުންދާ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދުގެ ހެނދުނުން ފެށިގެން ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅަމުން އެބަ ގެންދެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލަށް ހަމަޖެހުން ގެނެވެންދެން ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

މިއަދުގެ ހަމަލާތަކުގައިވެސް، ޣައްޒާއިން ކުޑަކުދިންނާއި، އަންހެނުންނާއި އިތުރު އެތައް ބަޔަކު ޝަހީދު ވެފައިވާއިރު، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު 122 އަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 31 ކުޑަކުދިންނާއި، 20 އަންހެނުންވެސް ހިމެނެއެވެ.

އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 900 އިން މައްޗަށް ގޮސްފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާއެއްގައި ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ މިއަދު ކުރިއަށްދަނީ:

ހަމާސްއިން މިއަދުގެ ހެނދުނާވަނީ އިސްރާއީލަށް އިތުރު ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަދާފައިވާ ޔަހޫދީންގެ ރަށެއް ކަމަށްވާ އަޝްކެލޮންއަށް 100 އަށްވުރެ ރޮކެޓް ފޮނުވާލިކަމަށް ވެއެވެ.

މި ހަމަލާތަކުގައި އަޝްކެލޮންގެ އެތައް ތަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އިސްރާއީލުގެ މީހަކަށް ކަމެއްވީ ކަމެއް ސާފެއް ނުވެއެވެ. މިފަދަ ހަމަލާތަކުގެ ވަގުތުގައި އިސްރާއީލު މީހުން އާންމު ގޮތެއްގައި ތިބެނީ ބިންގަރާސްތަކަށް ވަދެ ފިލައެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ދެކޮޅުވެރިކަމާ އިސްރާއީލު ސިފައިންނާ ކުރިމަތިލާން ޖެހިފައި ވާއިރު، އިސްރާއީލުގެ އެތެރޭގައިވެސް ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ރައްޔިތުން ގެންދަނީ މުޒާހަރާކޮށް ތަންތަނަށް ގެއްލުން ދެމުންނެވެ.

އަނެއްކޮޅުން، ޣައްޒާގައި އިސްރާއީލާ ދެކޮޅަށް މިސައިލާއި ރޮކެޓް ހަމަލާތައް ދިނުން ވަރުގަދަ ވަމުންދާއިރު، އިސްރާއީލަށް ހަމަލާ ދިނުމަށް ޣައްޒާގެ ހުރިހާ ޖަމާއަތްތައް ވަނީ އެއްގަލަކަށް އަރައި އަތުކުރި އޮޅާލާފައެވެ. މިއީ، އިސްރާއީލު އެންމެ ބިރުގަންނަ އެއްކަންތަކެވެ.