ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ވަރަށްބޮޑު އިހުމާލެއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެފަދަ ހަމަލާއެއްގެ މައުލޫމާތު މެމްބަރު އިލްޔާސް ލަބީބު މިނިސްޓަރާ ހިއްސާ ކުރެއްވިކަމަށް މިނިސްޓަރ މީޑިއާގައި ވިދާޅުވެފައިވާ ކަމަށެވެ. "މިނިސްޓަރ މާރިޔާ އަށް މަޢުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާ އެއް ދެވުނު ކަމީ މިނިސްޓަރ ގެ ވަރަށް ބޮޑު އިހުމާލެއް،" ޢުމަރު ވިދާޅުވެފައިވެފައިވެއެވެ. މި ހާދިސާއަކީ މިނިސްޓަރ މާރިޔާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް ވެސް ޢުމަރު ވިދާޅުވެފައިވެއެވެ.

މި ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސް ގެ މެންބަރަކު މިނިސްޓަރ މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާ އެއް،" ކަމަށާއި އެޒިންމާ އަދާ ނުކުރެވުމުން ޢުމަރު ވަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.