ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރ. ދުވާފަރު ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ. އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ނަސީރު ވިދާޅުވީ މިއަދު މެންދުރުފަހު އައި ކޮޅިގަނޑެއްގައި އެރަށު ގެއެއްގެ ފުރާޅު މަތިވަޑާމާއެކު އެއްލާލައިފައި ކަމަށެވެ. މިހާރު އެމީހުން ވަނީ އެހެން ގެއަކަށް ބަދަލުކޮށްފައެވެ.
އެ މީހުން ބަދަލު ކޮށްފައިވަނީ އާއިލީގެއަކަށް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެމީހުންގެ އެދުމާއެއްގޮތަށް، ކައުންސިލާއި ފުލުހުންނާއި ރަށުގެ ވަރަށްގިނަ އަދަދެއްގެ މީހުން ގުޅިގެން އެ މީހުން ބަދަލުކޮށްފައިވަނީ އެ މީހުންގެ އާއިލީ ގެއަކަށެވެ.
"އެމީހުންނަށް އެހީތެރި ވުމަށްޓަކައި ކައުންސިލުން އޮތީ ތައްޔާރަށް. ވަރަށް ގާތުން އެމީހުންގެ ހާލު ބަލަމުމް ދިޔައީ. އެހެނަސް އެމީހުންގެ އެދުމުގެ މަތިން ކައުންސިލާއި ފުލުހުންނާއި ރަށުގެ ވަރަށްގިނަ މީހުންގެ އެހީތެރި ކަމާއެކު އެ މީހުންވަނީ އާއިލީ ގެއަކަށް ބަދަލު ކޮށްފައި،" އިބްރާހީމް ވިދާޅުވިއެވެ. މިހާދިސާގައި އެގޭގައި ގެންގުޅުނު ހިފާ ގެންގުޅޭ ހުރިހައި ތަކެއްޗާއި ނިދަން ބޭނުންކުރާ ހުރިހާ ސާމާނެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އެ ގެ ވެސް ވަނީ އެވަރަށް ހަލާކުވެފައެވެ. "މިހާރު އަޅުގަނޑުމެންވާނީ އެގެއިން ހަލާކުވީ ތަކެތީގެ ލިސްޓެއް ކައުންސިލަށް ފޮނުވައި ދިނުމަށް އެދިފައި،" އިބްރާހީމް ވިދާޅުވިއެވެ.
އެރަށުގައި ތިން ބުރިއަށް ހަދާފައިވާ ގެއެއްގެ ބޭރު ފާރުވެސް ވަނީ މި ކޮޅިގަނޑުގައި ވެއްޓި ގެއްލުން ތަކެއް ވެފައެވެ.
މި ވިއްސާރައިގައި ރ. އަތޮޅުގެ އެހެން ރަށްރަށަށް ވެސް އެކިވަރުގެ ގެއްލުންދަނީ ވަމުންނެވެ. އަދި ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅު ވެސް ވަނީ އެއްލާލައިފިއެވެ. ސިފައިން ވަނީ އެ ގޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ވިއްސާރާގައި އައްޑޫސިޓީއާއި ފުވައްމުލަކާއި އަދިވެސް ވަރަށް ގިނަ ރަށްރަށަށް ދަނީ ގެއްލުން ވަމުންނެވެ.