ނިއުކާސަލް ޔުނައިޓެޑް 3-4 އިން ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި ރަށުން ބޭރުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗް ކާމިޔާބު ކުރުމުގެ ރެކޯޑް ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ރޭ މުގުރާލިއިރު ކޯޗް ޕެޕް ގާޑިއޯލާގެ ތައުރީފް މެޗުގައި ހެޓްރިކް ހެދި ޒުވާން ވިންގަރ ފެރަން ޓޮރޭސްއަށް އޮއްސާލައިފިއެވެ.
މިއީ ލީގުގައި ރަށުން ބޭރުގައި ސިޓީއިން ޖެހިޖެހިގެން ކާމިޔާބު ކުރި 12 ވަނަ މެޗެވެ. 1888 ވަނަ އަހަރު އިނގިރޭސި ފުޓްބޯޅަ ލީގް ތައާރަފް ކުރެވުނުފަހުން ރެޔާ ހަމައަށް މިރެކޯޑް ހިއްސާ ކުރަމުންދިޔައީ ސިޓި އާއި ޗެލްސީއެވެ. ޗެލްސީން 2008 ވަނަ އަހަރު ރަށުން ބޭރުގައި ޖެހިޖެހިގެން 11 މެޗް ކާމިޔާބުކޮށް ލީގުގައި ރެކޯޑް ހަދާފައި ވަނިކޮށް ސިޓީއިން އެރެކޯޑާ އެއްވަރު ކުރީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރުއެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ނިއުކާސަލްއިންނެވެ. މިލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެމިލް ކްރާފްތެވެ. އޭގެ ފަނަރަ މިނެޓް ފަހުން ސިޓީއިން އެއްވަރު ކުރީ ޖައޯ ކެންސަލޯގެ ލަނޑުންނެވެ. ކެންސަލޯގެ ލަނޑަށްފަހު ދެން ފެނިގެންދިޔައީ ޓޮރޭޒްގެ ލަނޑުން ސިޓީއިން ލީޑް ނެގި ތަނެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޮއެލިންޓަން ލަނޑެއް ޖަހައި ނިއުކާސަލްއަށް އެއްވަރު ކޮށްދިނެވެ. ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ސިޓީ ސިއްސުވާލުމަށްފަހު ޖޯ ވިލޮކްގެ ލަނޑުން އަނެއްކާވެސް ނިއުކާސަލްއިން ލީޑް ނެގިއެވެ. އެކަމަކު ނިއުކާސަލްއިން ލީޑް ނެގިތާ ހަތަރު މިނެޓުގެ ތެރޭގައި ޓޮރޭޒް ދެލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށް ސިޓީއަށް އަލުން ލީޑް ނަގައި ދިނެވެ.
މެޗަށްފަހު ގާޑިއޯލާ ބުނީ ޓޮރޭޒްއަކީ ލަނޑު ޖެހުމުގައި ވަރަށް ތޫނުފިލި ކުޅުންތެރިއެއް ކަމަށާއި އޭނާގެ މުހިއްމުކަން މިމެޗުގައި ސާބިތު ކޮށްދީފި ކަމަށެވެ. "ވަރަށް ޒުވާން ތޫނުފިލި ކުޅުންތެރިއެއް ޓޮރޭޒްއަކީ. އޭނާ އަހަރެމެން ގެނައީ ވިންގަކަށް. އެކަމަކު އަހަންނަށް ހީވަނީ މިހާރު އޭނާ ފޯވާޑަކަށް ލުމަށް ވިސްނަންވީހެން" ގާޑިއޯލާ ބުންޏެވެ.
މިމެޗުގައި ޓޮރޭޒް ކާމިޔާބު ކުރި ހެޓްރިކާއެކު އޭނާ ވެފައި ވަނީ ލީގް މެޗެއްގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ. ކުރިން މިޝަރަފް އޮތީ 2010 ވަނަ އަހަރު ލަލީގާގައި ޓެނެރިފޭ ކޮޅަށް ހެޓްރިކް ހަދައިގެން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަތުގައެވެ. މެސީ އޭރު ހެޓްރިކް ހެދިއިރު އޭނާގެ އުމުރަކީ 22 އަހަރާއި 200 ދުވަހެވެ. ޓޮރޭޒް ރޭ މިރެކޯޑް މިގުރާލިއިރު އޭނާގެ އުމުރަކީ 21 އަހަރާއި 75 ދުވަހެވެ.
ސިޓީއިން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު އެޓީމަށް މިސީޒަނުގައި އޮތީ 3 މެޗެވެ. އެއީ ލީގުގައި އެވަޓަން އާއި ބްރައިޓަންއާ ދެކޮޅަށް މިމަހުގެ 18 އަދި 23 ވަނަ ދުވަހު ކުޅެންޖެހޭ މެޗާއި ޗެމްޕިއަންސް ލީގް ފައިނަލުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.