ލަންކާގެ ކަރަންޓީނު އުސޫލަށް އެ ގައުމުގެ ސަރުކާރުން ބަދަލުގެނެސްފައިވާތީ އެ ގައުމަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދެފި އެވެ.

ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާގެ ސަރުކާރުން އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުސޫލަށް މި މަހުގެ ނިޔަލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއްގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިންގ މިނިސްޓްރީން ބުނީ އެ ޤައުމުގެ ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި ސްރީލަންކާގެ ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" "ޕީސީއާރު" ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" "ޕީސީއާރު" ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ. އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ "ޕީސީއާރު" ޓެސްޓު ހެދުން އިސްތިސްނާވާނީ 2 އަހަރުން ދަށުގެ ކުދިން އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެއިތުރަށް ފޮރިން މިނިސްޓްރީން ބުނީ، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލުގެ އިތުރުން ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށްދަތުރުކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް އެ މުއްދަތުގައި ފަހިވެފައި އޮންނާނެކަމަށެވެ. މި އުސޫލުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް އައުން އެކަށީގެންވާކަން ފާހަގަކޮށް، ދެވެހި ހާރިޒިއްޔާއިން ވަނީ ލަންކާއަށް ދަތުރުކުރާއިރު އުސޫލުތަކުގެ މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކޮށްފަ އެވެ.