ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީ ގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. މީގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް ހަރުކަށި ފިކުރު ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ ބަޔެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ހާއްސަކޮށް މާލޭގައި ސިފައިން ދަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ.