ދިރިދުނިޔޭގައި ސަލާމަތުން ތިއްބައި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް، އިސްރާއީލަށް ހަމަލާ ދެމުންގެންދާ ފަލަސްތީނު މުޖާހިދުންގެ ގުޅިފައިވާ ބާރުގެ ތަރުޖަމާނު އަބޫ އުބައިދާ ޔަހޫދީންނަށް ގޮވާލައްވައިފިއެވެ.

ގާޒާ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބޫ އުބައިދާ ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުން ނުފައިބައިފިނަމަ ހުރިހާ އެންމެން ދިރިތިއްބައި އަންދައި މަރާލާނޭ ކަމަށެވެ.

އިސްތިއުމާރީ ބާރަށްއޮތް ހަމައެކަނި އިޚްތިޔާރަކީ ފަލަސްތީނުގެ ބިންތަކުން ފައިބައިގެން ފިލާ ރައްކާވެގެން ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމާސް ޖަމާއަތާއި، އިސްލާމިކް ޖިހާދު ޖަމާއަތާއި، ސަރާޔާ އަލްގުދުސްފަދަ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތައް އެކަތިގަނޑަކަށް ވެގެން، އިސްތިއުމާތީ އިސްރާއީލާ ދެކޮޅަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ.

މިހަމަލާތަކުގައި، މިހާތަނަށް އިސްރާއީލުގެ ރަށްތަކަށް 3،000 އަށްވުރެ ގިނަ ރޮކެޓާއި މިސައިލް ހަމަލާތައް ދީފައިވާއިރު، މިހަމަލާތަކުގައި އިސްރާއީލު ކުރިން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

އިސްރާއީލުގެ އެތައް ބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވެ، އުމްރާނީ ބޮޑެތި އެތައް ގެއްލުންތައް ދަނީ ލިބެމުންނެވެ.

އިސްރާއީލު އެންމެ ޖެހިލުންވެފައިވާ ކަމަކީ، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުގެ ހަމަލާތައް އިސްރާއީލުގެ އެންމެ އެތެރެއަށްވެސް ފޯރަމުން ދާތީއެވެ.

އިސްރާއީލުން އަމިއްލައަށް އެމީހުންގެ ވެރިރަށަށް އިރުމަތީ ގުދުސް ހަދައިގެން އުޅޭއިރު، އިރުމަތީ ގުދުސްގެ ހުރިހާ ހިސާބެއްގައިވެސް ހަމަނުޖެހުންތައް ފެށި، ފަލަސްތީނު މީހުންގެ ހަމަލާތައް ޔަހޫދީ ވަޒަންވެރިންނަށާއި، ޔަހޫދީ ސިފައިންނާއި ފުލުހުންނަށްވެސް އަމާޒުވެ، ހުޅުފަޅައިގެން ގޮސްފައި ވެއެވެ.

ނުވިތާކަށް، އިސްރާއީލުގެ ކުރީގެ ވެރިރަށް ނުވަތަ އެންމެ މައި ރަށުގެ ގޮތުގައި ބެލެވޭ ތެލްއަވީވަށް ދެމުންގެންދާ ހަމަލާތައްވެސް ވަރުގަދަވެ، ބޮޑެތި އެތައް ގެއްލުންތައްދަނީ ލިބެމުންނެވެ.

ހަމަލާތަކުގައި ތެލްއަވީވަށް ލިބިފައިވާ ގެއްލުންތައް:

ފަލަސްތީނު ޖަމާއަތްތަކުގެ އުކުޅުތައް ވަރުގަދަވެފައި، މިސައިލާއި، ރޮކެޓާއި، ޑްރޯން ބޭނުންކޮށްގެންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުގެ ހިތަށް ވަރަށް ބޮޑަށް ތަދުވާނެ ކަމެއްގެގޮތުގައި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ އަސްކަރީ ފިޔަ، ސަރާޔާ އަލްގުދުސްއިން ހޮނިހިރު ދުވަހު ދައްކާލި އައު މިސައިލް ހިމެނެއެވެ. މި މަރުކާގެ މިސައިލް އިސްރާއީލަށް ހަމަލާދޭން ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށް ސަރާޔާ އަލްގުދުސްއިން އިއުލާންކޮށްފައި ވެއެވެ.

ޣައްޒާގެ އުސް އިމާރާތްތައް ބިމާ ހަމަކުރަން ނަތަންޔާހޫ އަމުރުކުރީ، ހަމާސްއާއި، ޣައްޒާގެ އެހެން ޖަމާއަތްތަކުގެ މުވާސަލަތީ ވިއުގަ ހަލާކުކޮށްލުމުގެ ނިޔަތުގައެވެ. ނަތަންޔާހޫ ބުނެފައިވަނީ، މިސައިލާއި، ރޮކެޓް ހަމަލާތައް ދިނުމަށް ގުޅުންތައް ގާއިމްކުރުމާއި، ހަމަލާދޭ އަމާޒު ކަނޑައެޅުމަށް ޖަމާއަތްތަކުން ބޭނުންކުރަނީ އުސް އިމާރާތްތައް ކަމަށެވެ.

އެހެންވެ ބިރުން، އިސްރާއީލު ސިފައިން މިހާރުވަނީ، ޣައްޒާގައި ހުރި ހުރިހާ އުސް އިމާރާތްތައް ގޮއްވައި ބިމާ ހަމަކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ.

ޣައްޒާގެ މެދުތެރޭގައި ހުރި 13 ބުރީގެ މީޑިއާ އިމާރާތް ގޮއްވާލީ، އެ އިމާރާތް ހަމާސްއިން ބޭނުންކުރާ ކަމަށް ތުހުމަތު ކޮށެވެ.

ކޮންމެއަކަސް، މަސްރަހް ފެންނަނީ އިސްރާއީލަށް ވަރަށް ބަނަކޮށެވެ. ވައިގެ މަގުން ހަމަލާތައް ދީ ފަލަސްތީނުގެ ކުށެއްނެތް އާންމުން ޝަހީދުކޮށް އިމާރާތްތައް ސުންނަފަތި ކުރަމުންދާއިރު، އެއްގަމު މަގުން ޣައްޒާއަށް ވަދެގަތުމަށްވެސް ވަނީ ފަސްޖެހިފައެވެ. އެއީ، ލިބޭނެ ގެއްލުންތަކުގެ ބޮޑުކަން ހިތަށް އަރާފައެވެ.

ޣައްޒާގެ ޖަމާއަތްތަކުގެ ހަމަލާތައް އިސްރާއީލުގެ އެކި ހިސާބުތަކަށް އަމާޒުވެ، އިސްރާއީލުގެ އާންމުންވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރު، އިސްރާއީލަށް ވައިގެ މަގުތައްވެސް ބަންދުވެ މިހާރު ފެންނަނީ ހަތަރު އުދަރެސް ފެނުޖެހެމުންދާ ތަނެވެ.