އދ. ފެންފުށީ ގެއެއް ބަލައިފާސްކޮށް، ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ. މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ދިރިއުޅޭމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.