މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއަލަމެންސް ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުން ވަރުގަދަ ޗެލްސީ 1-0 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ތަށި ފުރަތަމަ ފަހަރަށް ލެސްޓަރ ސިޓީން ރޭ އުފުލާލައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ވިހި ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. ލެސްޓަރ ސިޓީއިން ލީޑް ނެގިފަހުން ޗެލްސީން ވަނީ ނުރައްކާތެރި ދެހަމަލާއެއް ލެސްޓަރގެ ގޯލަށް ފޮނުވާލާފައެވެ. ލެސްޓަރގެ ކުރީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ލެސްޓަރގެ ކެޕްޓަން އަދި ކީޕަރު ޝްމައިކަލްއެވެ. މެޗުގެ އިތުރު ވަގުތުގައި ޗެލްސީން ލަނޑެއް ޖަހައި ލެސްޓަރގެ ކުޅުންތެރިން މާޔޫސް ކޮށްލިތަންވެސް ފެނިގެންދިޔައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މީގެ ކުރިން ހަތަރު ފަހަރު ލެސްޓަރ ސިޓީން އެފްއޭ ކަޕް ފައިނަލުގައި ކުޅެ ވަނީ ބަލިވެފައެވެ. އެންމެފަހުން ލެސްޓަރ ސިޓީ އެފްއޭ ކަޕް ފައިނަލުގައި ކުޅެފައި ވަނީ 1969 ވަނަ އަހަރުއެވެ. އަނެއްކޮޅުން މިއީ 140 އަހަރުވީ އެފްއޭ ކަޕުގެ ތާރިހުގައި ޗެލްސީން ފައިނަލުގައި ކުޅުނު 15 ވަނަ ފަހަރެވެ. މީގެ ތެރެއިން 8 ފަހަރު އެޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު މިފަހަރުގެ ފައިނަލަކީ ޗެލްސީ ޖެހިޖެހިގެން ބަލިވި ދެވަނަ ފައިނަލެވެ. މިދިޔަ ސީޒަނުގައި އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިވީ އާސެނަލް އަތުންނެވެ. ޗެލްސީއަށް ވުރެ ގިނައިން މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ 14 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އާސެނަލް އާއި 12 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.
މިސީޒަނުގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ވަރުގަދަ ވާދައެއް ކުރަމުން އަންނަ ލެސްޓަރ ސިޓީގެ މިކާމިޔާބީއާއެކު އެންމެ ބޮޑު ތައުރީފެއް ލިބެމުންދާ ފަރާތަކީ އެޓީމުގެ ކޯޗް ބްރެންޑެން ރޮޖާސްއެވެ. ރޮޖާސް ބުނީ ޗެލްސީ މިހާރު ކުޅެމުންދާ ފެންވަރަށް ބަލާއިރު އެޓީމުގެ މައްޗަށް ކުރި ހޯދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން މެޗަށް ނިކުތްއިރުވެސް އެނގޭ ކަމަށެވެ. "ޗެމްޕިއަންސް ލީގް ފައިނަލުން މިސީޒަނުގައި ޗެލްސީ ފުރުސަތު ހޯދުމުން އެނގޭ އެޓީމު މިވަގުތު އޮތް ފެންވަރު. އަހަރެމެންގެ ކުޅުންތެރިން ވަރަށް އެންމެފަހު ސިކުންތާ ހަމައަށްވެސް ހިތްވަރު ދޫނުކޮށް ކުޅުމުގެ ނަތީޖާ މިއީ. ހާއްސަކޮށް ޝްމައިކަލްގެ ފަރާތުން މެޗުގެ ފަހު ކޮޅު ފެނުނު މޮޅު ދެސޭވްއަކީ ހައިރާން ކުރުވަނިވި ދެސޭވް" ލެސްޓަރ ސިޓީއާއެކު ފުރަތަމަ ތަށި ކާމިޔާބު ކުރުމަށްފަހު ރޮޖާސް ބުންޏެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހި ޔޫރީ ޓިއަލަމަންސް ބުނީ އޭނާގެ ލަނޑާއި މިތަށި ހާއްސަ ކުރަން ބޭނުން ވަނީ، 2018 ވަނަ އަހަރު ލެސްޓަރ ސިޓީ ޕްރިމިއަރ ލީގުގައި ކުޅުނު މެޗެއް ބެއްލެވުމަށްފަހު ދަނޑުން ހެލިކޮޕްޓަރުގައި ގެއަށް ވަޑައިގަތުމަށް ދަތުރު ފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި އެކްލަބުގެ ކުރީގެ ވެރިޔާ ތައިލެންޑުގެ ބިލިޔަނަރު ވިޗާއީ ސްރިވައްދަނަޕްރަބާއަށް ކަމަށެވެ. ލެސްޓަރ ސިޓީއިން 16-2015 ވަނަ ސީޒަނުގައި ޕްރިމިއަރ ލީގް ކާމިޔާބުކޮށް ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލީ ވިޗާއީގެ އޯނަރު ކަމުގެ ދަށުންނެވެ. "މިއީ އޭނާގެ (ވިޗާއި) ކްލަބު. އަހަރެންގެ ލަނޑާއި މިތަށި ހާއްސަ ކުރަން ބޭނުން ވަނީ ވިޗާއީ އަށާއި އޭނާގެ އާއިލާއަށް" ޓިއަލްމަންސް ބުންޏެވެ.
ސީޒަނުގެ މެދުތެރެއިން ކަހަލަ ގޮތަކަށް ޗެލްސީއާ ހަވާލުވެ އެޓީމަށް ޗެމްޕިއަންސް ފައިނަލުންނާއި އެފްއޭ ކަޕް ފައިނަލުން ޖާގަ ހޯދައިދިން ކޯޗް ޖަރުމަނުގެ ތޯމަސް ޓުޗެލް ބުނީ ބަލިވީ ނަސީބު އެހީ ނުވުމުން ކަމަށެވެ. "ބަލިވުމުން މިތިބީ ހިތާމާގައި. އެކަމަކު ކުޅުންތެރިންދެކެ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް. އަހަރެންގެ ނަޒަރުގައި ފައިނަލެއް ކާމިޔާބު ކުރުމަށް ބޭނުންވާ ކުޅުން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ. މިއަދު އަހަރެމެންގެ ނަސީބު ނެތީ. މިލެވެލްގައިވެސް މޮޅުވެވޭނީ ނަސީބު އެހީވެގެން ކަމަށް ނުބުނާކަށް ނެތިން. ލެސްޓަރގެ ލަނޑަކީ އެމީހުންގެ ނަސީބު ގަދަކަމުން ޖެހުނު ލަނޑެއް" ޓުޗެލް ބުންޏެވެ.