ސްރީލަންކާގެ ލީޑަރުންނާއި ޗައިނާގެ އިސް ޑިޕްލޮމޭޓް ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަ ވައިފިއެވެ. ކޮޅުނބަށް ރަސްމީ ދަރުތުފުޅެއްގައި ވަޑައިގެން އުޅުއްވާ ޗައިނާގެ ސީނިއަރ ޑިޕްލޮމޭޓް ޔެންގ ޖައިޝީ ވަނީ ލަންކާގެ ރައީސާއި ބޮޑު ވަޒީރާ ވަކިވަކިން ބައްދަލު ކުރައްވާފައެވެ.

ޔަންގ އަކީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓް ބިއުރޯގެ މެންބަރު އަދި ފޮރިން އެފެއަރޒް ކޮމިޝަންގެ ޑިރެކްޓަރއެވެ.

ހުކުރު ދުވަހު ކޮޅުނބުގައި ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސައާއެކު ބާއްވާފައިވާ ބައްދަލުވުމުގައި ޔަންގ ވަނީ ލަންކާއާއި ޗައިނާގެ ޒަމާންވީ ގުޅުން އިތުރަށް ކުރިއަރާފައިވާ ކަމަށާއި ދެ ގައުމަކީ މުހިންމު ދެ ސްޓްރެޓީޖިކް ޕާޓްނަރުން ކަމަށް ސިފަ ކުރައްވާފައެވެ. އަދި ދެ ގައުމަކީ އެތައް ޖީލަކަށް އެއްބަޔަކު އަނެއް ބަޔަކަށް ތާއީދުކުރަމުން ގޮސްފައިވާ ދެ ފަރާތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެ ގައުމުގެ ވެރިން އެއްބަސްވެ ވަޑައިގެންފައިވާ ހަމަތަކާ އެއްގޮތަށް ޗައިނާއިން އަބަދުވެސް ސްރީލަންކާގެ ގުޅުމަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަރައްގީގެ ފޮނިމީރުކަން ހޯދުމަށް، ދެގައުމުން ބެލްޓް އެންޑް ރޯޑް ޕްޕރޮޖެކްޓްގައި ގުޅިގެން މަސައްކަތް ކުރާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ސްރީލަންކާގައި ބާރު އަޅާ ދާއިރާތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗަރއާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި ތަޢްލީމާއި ޓެކްނޮލޮޖީއާއި ނޫ އިގްތިސާދާއި ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

ޔަންގ ވަނީ ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާވެސް ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހަމްބަންޓޯޓާގެ ވަށައިގެންވާ ސަރަހައްދު ތަރައްގީ ކުރުމަށް ވާހަކަ ދެކެވުނެވެ.