މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ޣައްޒާގެ ރައްޔިތެއް ކަމަށްވާ އުންމު ރާމީ އަބޫ އަލްއައުފާއި، އޭނާގެ ފިރިހެން ދަރިފުޅު ރާމީ، އާއިލާގެ ހުރިހާ މެމްބަރުން މަރުވި ކަމުގެ މައްޗަށް ހިތާމަކޮށް ރޮމުންގެންދާ މަންޒަރެވެ. އެދެމައިން ހަމަޔަކަށް އެޅުވޭތޯ ކައިރީގައި ތިބި މީހުން މަސައްކަތް ކުރަނީއެވެ.

އިސްރާއީލު ސިފައިން ރޭގަނޑު ބޮންއެޅުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާއެކުވެސް، އުންމު ރާމީގެ އާއިލާގެ ހުރިހާ މެމްބަރުން ހޮނިހިރު ދުވަހުގެރޭ ނިދަން އޮށޯތީ ހެނދުނު ތެދުވުމުގެ ނިޔަތުގައެވެ. ނަމަވެސް، ތަގުދީރު ނިޔާކުރީ އެ އާއިލާގެ 8 މެމްބަރުން ދާއިމީ ނިންޖަކުން ނިދުމަށެވެ.

އުންމު ރާމީގެ އާއިލާގެ މެމްބަރުން ނިދަން ތިއްބައި، އިސްރާއީލުގެ އުދުވާނީ ސިފައިންވަނީ ރޭގަނޑު ދަންވަރު އެ އާއިލާގެ ގެއަށް ބޮންއަޅައި، މުޅި ގެ ސުނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ހެނދުނު ހޭލުމުގެ އުންމީދުގައި ނިދަން އޮށޯތް އާއިލާގެ 8 މެމްބަރެއްގެ ފުރާނަނެތް މަސްގަނޑު ނެރެންޖެހުނީ އެ އާއިލާގެ ފުނޑުފުނޑުވެފައިވާ ގޭގެ ގާފުނި ތެރެއިންނެވެ.

މިފޮޓޯގައި މިވަނީ އުމުރުން އެންމެ 16 އަހަރުގެ ދީމާ އަލް-އިފްރާންޖީއެވެ. ދީމާއާއި، އޭނާގެ އެއްބަނޑު އެއްބަފާ އަނެއް ތިންބެއިންނާއި، ދީމާގެ މަންމަވެސް ނިދަން އޮށޯތީ ހެނދުނު ހޭލުމުގެ އުންމީދުގައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާ އަމާޒުވެ، ދީމާގެ އާއިލާ ނިދަންތިބި ގެވެސް ބިމާ ހަމަކޮށްލިއެވެ. އެ ގޭގެ ގާފުނިދަށުން އެންމެ ފުރަތަމަ ނެރުނީ ދީމާގެ ފުރާނަނެތް މަސްގަނޑެވެ. އޭގެފަހުން އަނެއް ތިންބެއިންނާއި، ދީމާގެ މަންމަގެ މަރުވެފައިވާ ހަށިގަނޑުވެސް ނެރުނީ ގާފުނި ދަށުންނެވެ.

މިއީ، އެންމެ ދެ އައިލާގެ ވާހަކައެވެ. ޣައްޒާގެ ކިތަންމެ އާއިލާގެ މިފަދަ ހިތާމަވެރި ނިމުމަކުން ނިމިގެން ގޮސްފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން މަތިންދާ ބޯޓުތަކުން ރޭގަނޑު ދަންވަރު ބޮންއެޅުމުގެ ސަބަބުން ފަލަސްތީނުގެ އެތައް އާއިލާއެއް، އާއިލާގެ ހުރިހާ މެމްބަރުން އެކުގައި ޝަހީދުވެގެން ގޮސްފައި ވެއެވެ.

ބައެއް އާއިލާތައް ޝަހީދުވެގެން ދިޔައިރު، ހަމަލާ ދެވުނު ވަގުތު ގޭގައި ނެތުމުގެ ސަބަބުން ހުރިހާ ދަރިންނާއި، އަނބިމީހާ ޝަހީދުވިއިރު ބައްޕަ އެކަނި ސަލާމަތް ވެފައި ވެއެވެ. ބައެއް ހަމަލާތަކުގައި އާއިލާގެ އެންމެން ޝަހީދުވެފައި ވެއެވެ. ބައެއް އާއިލާތައް، ހުރިހާ ދަރިންނާއި، މުސްކުޅި މާމައާއި ކާފަމެންވެސް ޝަހީދުވެފައި ވެއެވެ.

އެއް އާއިލާއެއްގެ ގެއަށް ދެވުނު ހަމަލާގައި ބައްޕަ އެކަނި ސަލާމަތްވިއިރު، އާއިލާ އެންމެން ޝަހީދުވިއެވެ. އެ ހާދިސާ ހިނގިތާ އެތައް ގަޑިއިރެއް ފަހުން އެ އާއިލާގެ އެންމެ ހަގު ކުއްޖާ، އުމުރުން އެންމެ ދެމަހުގެ ދަރިފުޅު ދިރިއޮއްވާ ގާތަކުގެ ތެރެއިން ނެރެ ސަލާމަތް ކޮށްފައި ވެއެވެ.

ޣައްޒާގެ ރައްޔިތުން މިހާރު ހޭދަކުރަމުންދާ ބިރުވެރި، ހިތްދަތި ކަމަކީ، މިގޮތަށް ލިޔެލާ ލިއުމަކުން ބަޔާންކުރެވޭ ވަރަށް ވުރެ ހިތްދަތި ވާހަކައެކެވެ. ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ތަހައްމަލް ކުރަމުންދާ ކެކުޅުންތައް ދުލަކުން ބަޔާން ނުކުރެވޭނެއެވެ. ގިނަ އާއިލާތަކުގެ ކުޑަކުދިން ރޭގަނޑު ތިބެނީ ނުނިދައެވެ. ހިތްބިރުގެންފައެވެ. ނަފްސަނީ ވެފައެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އެތަން މިތަނަށް ގެންދަނީ ބޮން އަޅަމުންނެވެ. ހަރުކަށި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މިއަދުވެސް ބުނެފައިވަނީ، ހަމަލާތަކަށް ހުއްޓުމެއް ނެތް ކަމަށެވެ.