ދުނިޔޭގެ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދުވަހު އެ ދާއިރާ އިން ޑީއެންއޭ ގެންގުޅޭ ތަސައްވަރު ހާމަކޮށްފިއެވެ.

ރޭބޭއްވި ބައްދަލުވުމުގައި އެކަންކަން ހާމަކުރެއްވީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރެވެ.

"ދިވެހިރާއްޖޭގެ އިޤްތިސާދު ދަޑުވެރިކަމާ މަސްވެރިކަން ފަދަ ޕްރައިމަރީ އިންޑަސްޓްރީ ތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ޑީ،އެން،އޭ އިން އަމާޒު ކުރާނީ ރާއްޖޭގެ އިޤްތިސާދު ތަފާތު މިސްރާބަކަށް ބަދަލު ކުރަން. މަޢުލޫމާތާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޢިލްމާއި ހުނަރުން އަޅުގަޑުމެންގެ އުފެއްދުންތެރިކަން އެތަށް ގުނަޔަކަށް އިތުރުކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު 'ނޮލެޖް އިކޮނޮމީ' އަކަށް ބަދަލު ކުރުމާއި ޓެކްނޮލޮޖީ އާއި ރިސާރޗް އާއި، އިނަވޭޝަން ގެ ތެރެއިން ރާއްޖޭގެ އިޤްތިސާދު ގެ ހުންގާނު އަބުރާލުމަލީ ތަސައްވުރެއް ކަމަށް ވިދާޅުވިއެވެ.

މި ބޭނުމަށް ޓަކައި ޑީ،އެން،އޭ ގެ ވެރިކަމެއްގައި ކޮންމެ އަހަރަކު ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އަށް ދައުލަތުގެ ބަޖެޓުން ގްރާންޓް ގެ ގޮތުގައި 300މިލިއަން ރުފިޔާ ހޭދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އައި،ސީ،ޓީ ސެކްޓަރ ފުޅާ ކޮށް މި ދާއިރާއިން މީހުން ބިނާ ކޮށް، އިންފްރާ ސްޓްރަކްޗަރ ތަރައްޤީ ކުރުމަށް އަހަރަކު 1 ބިލިއަން ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރުވެސް ރާއްޖެ އަކީ މި ސަރަހައްދުގެ ގިނަ ޤައުމު ތަކަށްވުރެ އައި،ސީ،ޓީ ގެ އިންފްރާސްޓްރަކްޗަރ ފުޅާ ކުރެވިފައިވާ ޤައުމެއް. މުޅި އާބާދީ އަށް އިންޓަރނެޓް ލިބޭ އެއްވެސް ޤައުމެއް ރާއްޖެ މެނުވީ މި ސަރަހައްދުގައި ނެތް. މިއީ ޕްރައިވެޓް ސެކްޓަރ ގެ ކުންފުނި ތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމްކޮށް ދިނުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް. ނަމަވެސް އިންޓަރނެޓް އަގުބޮޑު ވުމުގެ ޝަކުވާ އަބަދުވެސް އޮވޭ. އަދި އިންޓަރނެޓް ގެ ސްޕީޑް ދަށްވުމުގެ ޝަކުވާވެސް އޮވޭ،" އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އެމްޑީޕީ ގެ ސަރުކާރުން ވަނީ އިންޓަރނެޓް އަގުހެޔޮ ކޮށްދޭނެ ކަމުގެ ދޮގު ވަޢުދެއްވެފައި ކަމަށެވެ. އެހެނަސް އަދާ ހަމައަށް އައިއިރުވެސް އެކަން ކޮށްދިނުމުގައި އެމްޑީޕީ ސަރުކާރުފެއިލް ވެފައި ކަމަށް ވެސް ވިދާޅުވިއެވެ. "ދިވެހިރާއްޖޭގައި އިންޓަރނެޓް ގެ ޚިދުމަތް ދޭ ހުރިހާ ކުންފުނި ތަކަކީ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުނިތައް. މި ފަދަ މާހައުލެއްގައި ސަރުކާރުން އިންޓަރނެޓް އަށް އަގެއް ކަޑައެޅުމީ ނުކުރެއްވޭނެ ކަމެއް. އެމް،ޑީ،ޕީ އިން މި ވައުދު ވެ ލެއްވި އިރުވެސް މިކަން އޮތީ މިހެންކަން އެ ބޭފުޅުންނަށް އެގިލައްވާނެ،" ޢުމަރު ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އުފެދުނު އެމް،ޑީ،ޕީގެ ވެރިކަން އައި އިރު ދިރާގު އަކީ ދިވެހި ދައުލަތުގެ މެޖޯރިޓީ ޝެއަރ އޮތް ކުންފުންޏެއް. ނަމަވެސް އެމް،ޑީ،ޕީ ގެ ސަރުކާރުން ވަނީ ދިރާގު ގެ މެޖޯރިޓީ ޝެއަރ ރާއްޖޭން ބޭރަށް ވިއްކާލާފަ. އެ މުއާމަލާތްވެސް ހިންގާފައިވަނީ ކޮރަޕްޝަން ގެ ތެރެއިން ކަން ފާހަގަ ކޮށްލަން. އެ ޝެއަރ ވިއްކާ ނުލާ އޮތް ނަމަ މިއަދު އިންޓަރނެޓް ގެ އަގު ހެޔޮ ކުރެވުނީސް.

ދުނިޔެއަށް މިހާރު ވަނީ ސެޓަލައިޓް އިންޓަރނެޓް ތަޢާރަފް ކުރެވިފަ. ސެޓަލައިޓް އިންޓަރނެޓް ރާއްޖެ އަށް ތަޢާރަފް ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރުމަށް އަޅުގަޑު ސަރުކާރަށް ގޮވާލަން،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރު "އަޅުގަޑުމެނަށް ކުރެވިފަ ހުރިކަމަކީ މިފަދަ އާ ޓެކްނޮލޮޖީ ތައް ތަޢާރަފް ކުރާ ފަރާތްތަކަށް ހުރަސް އެޅުން،" ކަމަށެވެ. އިންޓަރނެޓް ގެ ޚިދުމަތް ފޯރު ކޮށްދިނުމުގެ މާކެޓްގައި ތަފާތު ޓެކްނޮލޮޖީ ތައް ތަޢާރަފް ވެގެން ދިއުމީ، އިންޓަރނެޓް އަގުހެޔޮވެ، ފެންވަރު ރަނގަޅު ވުމަށް އެޅޭ ބާރަކަށް ވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޑީ،އެން،އޭ ގެ ސަރުކާރަކުން އިސްކަންދޭނީ އިންޓަރނެޓް އެއީ އަސާސީ ޚިދުމަތަކަށް ހަދާ، ވާދަވެރިކަމުގެ ތެރެއިން އަގު ހެޔޮކޮށް، ފެންވަރު ރަގަޅު އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އަވަސް ޚިދުމަތެއް ލިބިލިބި ހުންނާނެ ގޮތަކަށް މި ސެކްޓަރ ބައްޓަން ކުރަން. އިންޓަރނެޓް ގެ އަގު ހެޔޮވާންވާނީ ވާދަވެރި ކަމުގެ ތެރެއިން. ސަރުކާރުން ވަކި އަގެއް ކަޑައަޅައިގެންނެތް ނޫން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖެ ޓްރާންސްފޯރމްކޮށް އެހެން މަރުހަލާ އަކަށް ރާއްޖެ އުފުލާ ލެވޭނީ ތަޢުލީމީ ދާއިރާ އާއި ސިއްޚީ ދާއިރާގައި އައި،ސީ،ޓީ ގެ ރޯލު ފުޅާ ކުރެވިގެން ކަމަށެވެ. ދިވެހިރާއްޖޭގެ ސްކޫލް ސިސްޓަމް ޑިޖިޓަލައިޒް ކުރުމުގެ ޤައުމީ ޕްލޭން އެއް އެކުލާވަލާ، ޕްރައިމަރީ އަދި ސެކަންޑަރީ އެޑިއުކޭޝަން ތެރެއަށް ލިޔުމާ، ހިސާބު އަދި އައި،ސީ،ޓީ ގެ ހުނަރު އިތުރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.