މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އިތުރުވިއިރު އެ ކުންފުނި ހިމެނޭ އެސްޓީއޯ ގްރޫޕަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި، މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. 2019 ވަނަ އަހަރު ފައިދާ އަށް 303 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ހީނަރުކަމުގެ ތެރޭގައި ވެސް ކުންފުންޏަށް ފައިދާގެ ގޮތުގައި 359 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ ގްރޫޕުގައި އެ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ އެލައިޑް އިންޝުއަރެންސާއި މިފްކޯ އާއި މޯލްޑިވް ގޭސް އަދި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހިމެނެ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ގްރޫޕަށް ލިބުނު ފައިދާ ދަށްވެފައި ވަނީ އެކި ދާއިރާތަކުން ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެންނެވެ. އެގޮތުން، ފިޝަރީޒް އާއި އިންޝުއަރެންސާއި ތެލާއި ގޭސް އަދި ކޮންސްޓްރަކްޝަން ދާއިރާއިން އެ ގްރޫޕަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ.