ސްކޫލްތައް ނިމިގެން ނިކުންނަ ސިކުނޑި ތަކަކީ ތޫނުފިލި އަދި ދުނިޔެއަށް އަންނަމުން މިދާ ޑިޖިޓަލް އިންޤިލާބުގައި ބައިވެރިވެ ކުރި ހޯދޭވަރުގެ ކޮމްޕިޓެންސީ ސްޓޭންޑަޑްތަކެއް ހުރި، ޒަމާނާއި ގުޅޭ ބިންގަލެއް އެޅިފައިވާ ސިކުޑި ތަކަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އަސީޓީ ދުވަހާ ގުޅިގެން ރޭ ޑިއެންއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ ސްކޫލުތަކުގެ ތެރެއިން ރޮބަޓިކް، ގޭމިން، އިންޖިނިއަރިންގް، ގްރަފިކް ޑިޒަރިންގެ ދާއިރާއިން ކުރިއަށް ދެވޭނެ މަގު ހުޅުވައިދޭން ޖެހޭ ކަމަށެވެ.

"ޑީ،އެން،އޭ އިން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ އެންމެންނަކީ ސްމާރޓް ފޯނެއް ގެންގުޅެން އެގޭ، އަދި އެފޯނު މެދުވެރިކޮށް އަސާސީ ޚިދުމަތްތައް ހޯދަން އެގޭ، ބަޔަކަށް ވާންޖެހޭ. ރާއްޖެ އަށް އަސާސީ ތަޢުލީމް ތައާރަފް ކުރެވުނު ގޮތަށް، ރާއްޖޭގެ ހުރިހާ އެންމެނަށް "ޓެކްނޮލޮޖީ ފޯރ އޯލް" ގެ ނަމުގައި ޑިޖިޓަލް އަސާސީ ތަޢުލީމް އުގަންނައި ދިނުމުގެ ޕްރޮގްރާމް އެއް އިރާދަކުރެއްވިއްޔާ، ޑީ،އެން،އޭ ގެ ސަރުކާރަކުން ހިންގާނެ. މި ޕްރޮގްރާމް ގެ ބޭނުމަކަށް ވާނީ ދުނިޔެއަށް އަންނަމުން މިދާ ޓެކްނޮލޮޖީ އާއި މަޢުމާތުގެ އިންގިލާބުގައި ދިވެހި ކުދިބޮޑު އެންމެން ނަށް ބައިވެރިވެ ނަފާ ހޯދުމުގެ ފުރުސަތު ލިބިދިނުން. ޑިޖިޓަލް ޑިވައިޑް ނައްތާލުން،" އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ނަމުގައި މޯބައިލް ނަމްބަރަކާ، އީމެއިލް އެޑްރެހެއް ރަޖިސްޓްރީ ކުރެވިފައި އޮންނަންވާނެއެވެ. އެމީހެއްގެ އައި،ޑީ ކާޑުގެ ނުފުށުގައި މި މަޢުލޫމަތު ހުންނަންވާނެއެވެ. މޯބައިލް ނަމްބަރު ތަކާއި އީމެއިލް އެޑްރެސް ތަކަކީ ޓެލެކޮމިޔުނިކޭޝަން ކުންފުނިތަކުން ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލު ކޮށް އެކަމަކީ މިނިވަން މުއައްސަސާ އަކުން ކުރާ ކަމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޑީ،އެން،އޭގެ ތަސައްވަރަކީ ޑިޖިޓަލް ގަވަރުމަންޓް އެއް ޤާއިމް ކުރުން،" އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ ޚިދުމަތް ތަކެއް ޑިޖިޓަލައިޒް ކުރެވި، ސަރުކާރުގެ ހުރިހާ ޚިދުމަތަކީ 24 ގަޑިއިރު އޮންލައިން ކޮށް ލިބޭ ޚިދުމަތަކަށް ބަދަލު ކުރުމަކީ ވެސް ޑީއެންއޭގެ ވިސްނުން ކަމަށް ޢުމަރު ވިދާޅުވިއެވެ. ހިލޭ ގުޅޭ ނަމްބަރަކާ ގުޅާލުމުން މުޅި ދައުލަތުގެ ކޮންމެ ޚިދުމަތަކަށް ފޯނުކޯލް ޕާސްކޮށްލަދޭ، 24 ގަޑިއިރު ޖަވާބުދޭ ކޯލް ސެންޓަރ އެއް މެދު ވެރިކޮށް، މެދުނުކެޑި ދައުލަތުގެ ޚިދުމަތްތައް ލިބިލިބި ހުންނަ ގޮތަށް އިންތިޒާމް ކުރުމަކީ ވެސް ތަސައްވުރެއް ކަމަށް ވިދާޅުވިއެވެ. "ކިއޮސްކް ތައް މެދުވެރިކޮށް ސަރުކާރުގެ ޚިދުމަތްތައް ކޮންމެ ރަށެއްގައި އަދި ސިޓީ ތަކުގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުން. ސަރުކާރަކީ ހެދުނު ހުޅުވާ މެންދުރު ފަހު ބަންދު ކުރާ ތަނެއްގެ ގޮތުގައި ވިސްނިފައި އޮންނަ ވިސްނުން ބަދަލު ކުރުން.

މޯބައިލް އެޕްލިކޭޝަން ތަކާ، ކޯލްސެންޓަރ އަކާއި ކިއޮސްކްތައް މެދުވެރިކޮށް ޚިދުމަތްދޭ، 24 ގަޑިއިރު ހުޅުވިފައި ހުންނަ ކަރުދާސް މަދު، ޑިޖިޓަލް ސަރުކާރެއް ގާއިމް ކުރުން." ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީ،އެން،އޭ ގެ މައިގަޑު ތަސައްވަރަކީ ދިވެހި ރާއްޖެއަށް ބޮޑު ޓްރާންސްފޯރމޭޝަން އެއް ގެނައުމެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކާ އެއްސަފަކަށް ގެންގޮސް ދިވެހި ރާއްޖެ މުޅިން އެހެން މަރުހަލާ އަކަށް އުފުލާ ލުން ކަމަށެވެ. "އިޤްތިސާދީ ގޮތުންނާ، އިޖްތިމާޢި ގޮތުންނާ، ޒަމާނީ ހުނަރާ، ތަޢުލީމީ ގޮތުން ދުޅަހެޔޮ އުފާވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރައްކާތެރި ޤައުމަކަށް ބަދަލު ކުރުން. 2045 ވަނަ އަހަރު އަންނައިރު ރާއްޖެ އަކީ ތަރައްޤީވެފަ އޮތް ޤައުމަކަށް ހެދުން،" ޢުމަރު ވިދޅުވިއެވެ.

މި ބޮޑު ބަދަލު ބާރު ސްޕީޑް ގައި ގެނައުމަށް ޓަކައި ދިވެހި ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.