އިސްރާއީލުން ބޮންއަޅައި، ޣައްޒާގައި ހުންނަ ކޮވިޑަށް ޓެސްޓްކުރާ ލެބޯޓަރީވެސް ބޮން އަޅައިފިއެވެ.

މުޅި ޣައްޒާގައިވެސް ކޮވިޑް ޓެސްޓް ހަދަމުންދިޔަ ތަނަކީ، އަލް-ރިމާލް ހެލްތު ކްލިނިކެވެ. ނަމަވެސް، އިސްރާއީލު ސިފައިން ބޮން އެޅުމުގެ ސަބަބުން އެ ކްލިނިކް މިހާރު ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ.

މިކަން ފަލަސްތީނު ސަރުކާރުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މިއަދު ފުރަތަމަ ފަހަރަށްވަނީ، ޣައްޒާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، ކޮވިޑަށް ޓެސްޓުކުރުން ހުއްޓުމުގެ އިތުރުން، ޣައްޒާގައި ކޮވިޑް ވެކްސިން ދިނުމަށްވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ. މިކަމާ އެނާވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްވަނީ، ޣައްޒާގެ ސަލާމަތީ ހާލަތުގެ އިތުރުން، އިންސާނީ އެހީގެ ހާލަތާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި، ސިއްހީ ޚިދުމަތްތެރިންނާއި، އެމީހުން ބެނުންކުރާ ވެހިކަލްތަކައި، އަދި ސިއްހީ ޚިދުމަތްދޭ ތަންތަނަށްވެސް ގެއްލުންތައް ލިބެމުންދާ ދިއުމާމެދު ޑރ. ޓެޑްރޯސް ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ބޮން އަޅަމުން ގެންދަނީ ވަކި ތަނެއް ބަލައިގެން ނޫނެވެ.

މިއަދު ވަނީ، ޣައްޒާގައި ހުންނަ ގަތަރުގެ ރެޑް ކްރެސެންޓް މައި އޮފީހަށްވެސް ބޮން އަޅާފައެވެ. މިކަމާ ވަރަށް ރުޅިއައިސްގެން ގަތަރުން އެބައުޅެއެވެ.މާރާ

ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ މައި އިމާރާތަށްވެސް މިއަދު ބޮން އަޅާފައި ވެއެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ޣައްޒާއަށް ބޮން އަޅަމުން ގެންދާއިރު، މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ދުއިސައްތައެއްހާ މީހުން ޝަހީދުވެފައި ވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 59 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ދޮޅުހާހެއްހާ މީހުން ޒަޚަމްވެފައި ވާއިރު، ހޮސްޕިޓަލްތައް ފުރި، އެމީހުންނަށް ފަރުވާދޭނެ ވަސީލަތްތައް ނެތި، ވަރަށް ނިކަމެތި ހާލު ޖެހިފައި ވެއެވެ.

ޣައްޒާއަށް ބޭރުން އެއްވެސް އެއްޗެއް އެތެރެކުރުމުގެ ހުއްދައެއް އިސްރާއީލުން ނުދިނެވެ.

ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހި ދިނުމަށް އެކި ގައުމުތަކުންނާއި، ޖަމާއަތްތަކުން ކުރި މަސައްކަތްތަކަށްވެސް އިންސްރާއީލުންވަނީ ހުރަސް އަޅާފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ސީދާ ހަނގުރާމައިގެ ޖަރީމާތައް ކަމަށެވެ.