ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެއްޘަޤާފަތެއްގެ ވެރި ބައެކެވެ. ނަމަވެސް މި ޘަޤާފަތުގެ ތެރޭގައި ހިމެނޭ ބައެއް ކަހަލަ އާދަކާދަތައް އެކި ރަށްރަށުގައި ތަފާތެވެ. މިގޮތުން ބަތްޕެނަކީ ދިވެހިންގެ ރޯދަމަހުގެ ބުއިމުގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ އެއްޗެކެވެ. ނަމަވެސް މި ބަތްޕެން ވަކި ޚާއްޞަގޮތަކަށް ވިކި ދުވަހަކު ކެއްކުން ތަފާތު ވެފައި އެބަހުއްޓެވެ. އަދި އެކި ނަންނަން ވެސް ކިޔާފައި އެބަހުއްޓެވެ.
އަޅުގަނޑު ކުޑައިރުއްސުރެ އިވެނީ އޭދަފުށީ ހޮނިހިރު ބަތްޕެން ކިޔާ އަޑެވެ. ނަމަވެސް މި ރޯދަމަހުގެ ފަހު ރޯދަ ދުވަހު ބާރަށު ދިގުބަތްޕެން ފެނިއްޖެއެވެ. ފޭސް ބުކް ޕޭޖުން ފެނު ފޮޓޯތަކެއްގެ ސަބަބުން ހއ ބާރަށުގެ ދިގު ބަތްޕެނާއި ބެހޭ މައުލޫމާތު ހޯދާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެދެވިއްޖެއެވެ.
ބާރަށު ރައްޔިތަކު ވިދާޅުވިގޮތުގައި މިއީ ބާރަށު ރައްޔިތުން ރޯދަމަހުގެ އެންމެ ފަހު ރޯދަ ހިފައިގެން ކައްކަން ފަށާ ބަތްޕެނެކެވެ.
މި ބަތްޕެން ކައްކަން ފަށަނީ ފަތިސް ނަމާދުން ފައިބައިގެނެވެ. ރަށުގެ ހުރިހާ ފިރިހެނުން އިސްވެ ތިބެ، މި ބަތްޕެން ކެއްކުކުމުގެ ހުރިހާ މަސައްކަތެއް ކުރަނީ އަތިރިމަތީގައެވެ.
އަންހެން ވެރިން އެހީތެރިކަން ފޯރުވައި ދިންނަމަވެސް މި ބަތްޕެން ކެއްކުމުގެ ގިނަ މަސައްކަތްތައް ކުރަނީ ފިރިހެނުންނެވެ. ބާރަށަކީ މަސްވެރިކަމާއި ދަނޑުވެރިކަންވެސް ކުރާ ރަށެއް ކަމުން އެއްބަޔަކު މަހަށް ދިއުމުން އަނެއްބަޔަކު ދަނޑުތަކުން ބަތްޕެން ކެއްކުމަށް ބޭނުންވާ ތަކެތި ހޯދައެވެ. މި ގޮތުން މި ބަތް ޕެނަށް ބޭނުންވާ ފަލަމަޑި އާއި ތަރުކާރީ އަދި ފަތްޕިލާ ވެލިވެސް ހޯދަނީ ހަމަ ބާރަށުންނެވެ.
ކުރީ އަހަރު ތަކުގައި މި ބަތްޕެން ކައްކާ ދުވަހަށް އެހެން ރަށްރަށުން މެހުމާނުންވެސް އައިސް މި ސުފުރާގައި ބާރަށު ރައްޔަތުންނާއެކު ބައިވެރި ވެއެވެ. ނަމަވެސް ފާއިތުވި އަހަރު ކޮވިޑް ގެ ބަލި ރާއްޖޭގައި ފެތުރެން ފެށުމުން މި ބަތްޕެން ސުފުރާގައި ބައިވެރި ވުމަށް އެހެން ރަށްރަށުން މެހުމާނުންނަކަށް ނާދެވުނެއެވެ. އަދި އެ އަހަރު ބަތްޕެން ކެއްކުނީވެސް ހަރޯދަ ނިންމާފައި ކަމުގައި ބާރަށުން ވާހަކަދެއްކެވި ފަރާތުން ހާމަ ކުރެއްވިއެވެ. ނަމަވެސް މި އަހަރު މެހުމާނުނަށް ޒިޔާރަތް ނުކުރެވުނު ނަމަވެސް ބާރަށު ރައްޔަތުންގެ ދިގު ބަތްޕެން ރޯދަމަހުގެ ފަހު ރޯދަ ދުވަހު ކެއްކިއެވެ.
އަދި މި ޘަޤާފަތް ކުރިއަށް ދާ ބީދައިން އަތިރިމަތީގައި ބަތްޕެން ބުއިމުގެ އިންތިޒާމު ހަމަޖެހިފައި އޮތެވެ.
ނަމވެސް ބާރަށުގެ ޘަޤާފަތުގައި ހިމެނޭ ދިގު ބަތްޕެން ކައްކާ ސަބަބެއް އަދި ފެށުނު ގޮތެއް އެނގޭ ފަރާތަކާ ދިމައެއްނުވިއެވެ. އެންމެ ދުވަސްވީ އިސް ރައްވެހިންވެސް ވިދާޅުވަނީ އެބޭފުޅުން ކުޑައިރުއްސުރެ ކުރާކަމެއްކަމުގައެވެ.
އުއްމީދަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އޮންނަ މިފަދަ ޘަޤާފަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތް މިންވަރު ކުރެއްވުމެވެ.