އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ސަބަބުން އެނގިގެން ދިޔައީ އެމްޑީޕީއާއި ޕީޕީއެމްގެ އަސްލު ސޫރަކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެއީ ދެ ޕާޓީ ގުޅިގެން ހިންގި ޖަރީމާއެކެވެ.

ޢުމަރު ވިދާޅުވީ އެތައް ޕްރެޝަރެއް ކުރިމަތިވުމުގެ ސަބަބުން ލިސްޓެއް ހާމަ ކުރުމަކުން އަދި ނުނިމޭ ކަމަށެވެ. "އެއީ ފެށުމެއް. އެއިން އެނގެނީ ބަޔަކު ޚިޔާނާތްތެރިވެފައިވާކަން. ދެން އޮތީ އޭގެ މުހިންމު ބައި. އެއީ ޝަރުޢީ މަރުހަލާއިން އިންސާފު ހޯދައިދިނުން. އެކަން އެބަޖެހޭ އަވަސްވާން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އެލިސްޓަކީ ރައީސްގެ ގަރާރަކުން އުފައްދައިފައިވާ "އެސެޓް ރިކަވަރީ ކޮމިޝަން" ގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލައިފައިވާ ލިސްޓެއް ކަމަށެވެ. އެހެން ކަމުން އެ ލިސްޓް ރަސްމީކޮށް ހާމަކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށާއި ހާމަކުރަން ޖެހޭނީ އެ ކޮމިޝަނުން ކަމަށް ވެސް ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ފައިނަލް ލިސްޓް ނެރޭއިރު އޭގައިވާ މީހުންގެ ބަޔާންތައް ނަގައި ކަންހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓުތައް ޕީޖީއަށް ފޮނުވައިގެން ކޯޓަށް ހުށަހަޅައިގެން މައްސަލަ ބެލެންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރުގެ ލިސްޓުގައިވާ އެންމެންނަކީ އެ ފައިސާ ބޭނުން ކުރި މީހުން ކަމަށް މިވަނީ. އެހެނަސް އަދީބަށް ކޮށްދިން މަސައްކަތަކަށް ފީއެއްގެ ގޮތުގައި އޭނާ ދިން ފައިސާ ލިބިފައިވާ ފަރާތްތަކުން އެވަނީ އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކޮށްފައި ކަމަށް ނުއެއް ނިންމޭނެ. މީސާލަކަށް މިހާރުގެ ބަންޑާރަ ނާއިބާއި ޕީޖީ އަކީ އަދީބުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން. އެބޭފުޅުންގެ އުޖޫރަ އެ ބޭފުޅުންނަށް ދެއްވުމުން އެއީ އެމްއެމްޕީއާރުސީގެ ލާރި ކަމަށް ނިންމައި އެބޭފުޅުން ކުށްވެރި ކުރުމަކީ އެއްވެސް އަސާސެއް ކަމަށް ނުދެކެން. އެހެންވީމާ ވަރަށް ރަނގަޅަށް މި މައްސަލަ ތަހުގީގުކޮށް އިންސާފު ލިބުމަކީ ވަރަށް މުހިންމު ކަމެއް،" ޢުމަރު ވިދާޅުވިއެވެ.