އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި، ހަމާސްއިން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ބުރާސްފަތި ދުވަހު ހުއްޓާލަން، މިސްރުން ޕްރޮޕޯސަލްއެއް ހުށަހަޅައިފި ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެފިއެވެ.

އަދި މިސްރުގެ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށްވެސް އިސްރާއީލުގެ މީޑިއާއިން ބުނެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވަނީ، މިސްރުން ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 ގައި ދެފަރާތުންވެސް ހަމަލާތައް ހުއްޓާލުމަށް ކަމަށެވެ.

މި ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، މިސްރުގެ ހުށަހެޅުން އިސްރާއީލުން ގަބޫލުކުރި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުންވެސް އަދި މިސްރުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު މީގެކުރިން ކުރި ހަނގުރާމަތައްވެސް ހުއްޓުވާފައިވަނީ މިސްރު މެދުވެރިވެގެންނެވެ.

މިސްރަކީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ހައެއްކަ އަރަބި ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އ

ަދި މިސްރަކީ، އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ބަންދުކޮށް ހިސާރުކޮށްފައިވާ ޣައްޒާއާ ސަރަހައްދީ އިމުން ގުޅިފައިވާ ގައުމެއްވެސް މެއެވެ.

ހަނގުރާމަތަކާއި، ހަމަލާތައް ހުއްޓުވުމަށް ދެފަރާތް އެއްބަސްކުރުވުމުގައި މިސްރުން މީގެކުރިން ކާމިޔާބީތައް ހޯދާފައި ވީނަމަވެސް، މިފަހަރު ހަމަލާތައް ހުއްޓުވަން މިސްރުގެ ވަފުދެއް އިސްރާއީލަށް ދިއުމުން ހަރުކަށި ނަތަންޔާހޫ އެކަމަށް އެއްބަސް ނުވިކަމަށް ކުރިން ރިޕޯޓްތައް ފެތުރިފައި ވެއެވެ.

ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމަށް ތާއީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނަތަންޔާހޫއަށް ގުޅުއްވާފައި ވިދާޅުވި ނަމަވެސް، ހަމަލާތައް ހުއްޓާލުމަށް ވިދާޅެއް ނުވެއެވެ.

ނުވިތާކަށް، އެމެރިކާގެ ހުރަސްއެޅުން ތަކާހެދި އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ބަޔާނެއްހާ މިންވަރުވެސް އދއިން ނެރެވިފައެއް ނުވެއެވެ.

ސަލާމަތީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ފެއިލްވިއިރު، ފްރާންސްގެ ފިއްތުންތަކުގެ ސަބަބުން ސަލާމަތީ މަޖިލީސް އަނެއްކާވެސް ބައްދަލުކުރަމުން އެބަގެންދެއެވެ.

އެމެރިކާގެ އަމަލުތައް ހުރިގޮތުން ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ރިޔާދު މަންސޫރުވަނީ، އެމެރިކާގެ ރައީސް ބައިޑެން އަށާއި، އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަރަބި އަދި އިސްލާމީ 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުންވެސް ވަނީ، މައްސަލާގައި ބައްދަލުވުމެއް ބާއްވާފައެވެ. އިސްރާއީލު ހުއްޓުވަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ހުށަހެޅުމެއްވެސް ނެތެވެ. ނެރުނު ބަޔާނެއްވެސް ނެތެވެ. ވަކިވަކި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބޭކާރު އަނގަ ތަޅާފައި، މޮޅު ވާހަކަތަކެއް ދައްކާފައި ޖަލްސާ ނިންމާލީއެވެ.

ފަލަސްތީނަކީ އަރަބި ގައުމަކަށް ވާއިރު، ފަލަސްތީނު ވަށައިގެން ތިބީ އަރަބި ގައުމުތައް ކަމަށްވާއިރު، އެއިން ގައުމަކަށް އިސްރާއީލުގެ ކުރިމަތީގައި ދެއްކުނު ބާރެއްވެސް ނެތެވެ. އަރަބި ގައުމުތައް ހިމެނޭ އަރަބި ލީގަށްވެސް ކުރެވުނު ކަމެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެ ގައުމުތަކުގެ ވެރިން ތިއްބެވީ އިސްރާއީލާއި އެމެރިކާގެ ދަށުވެފައެވެ.