ތޫފާން ތައުކޭޓަށްފަހު އަނެއްކާވެސް ބޭއޮފް ބެންގޯލް ގައި ކޮޅިގަނޑެއް އުފެދެމުން ދާކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރާކަމަށް ހިންދުސްތާން ޓައިމް ގައި ބުނެފައި ވެއެވެ. މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް އިންޑިއާގެ މީޓިއޯރޮލޮޖިކަލް ޑިޕާޓް މަންޓުން ލަފާކުރަނީ 23 މޭގައެވެ. މިފަހަރު މިކޮޅި ގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނުގެ ނަމަކަށް ވާނީ "ޔާޝް" ކަމަށް ވެސް އެފަރާތުން ހާމަކުރައްވައެވެ.
ބޭ އޮފް ބެންގޯލްގެ އިރުމަތިން އުފެދިފައިވާ މި ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރަނީ މި ފެށޭ ހަފުތާގައެވެ.
މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ، ދަތުރުކުރާނެކަމަށް ލަފާ ކުރެވެނީ އިންޑިއާއި ދުރަށް މިއަންމާ އާ ދިމާ އަށް ކަމަށް އިންޑިޔާގެ ސްކައިމެޓް ވެދަރގެ ނައިބު ރައީސް މަހޭޝް ޕަލަވަޓް ވިދާޅުވެއެވެ.
ވޭތުވެ ދިޔަ ހަފުތާގައި ރާއްޖޭގެ ރައްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ތޫފާން ތައުކޭޓް މިހާރު އިންޑިޔާގެ ހުޅަނގުން މުންބާއީ ހުރަސްކޮށް ގުޖުރާތުގެ އައްސޭރިފަށުން ދަތުރުކުރަމުން ދާކަމަށްވެސް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ. މި ތޫފާނުގެ ބާރުމިން އަދިވެސް ހުރީ ގަޑިއަކު 75 – 85 ކިލޯމިޓަރާއި ދެމެދުގެ ބާރު މިނެއްގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިޔާގެ ހުޅަނގު އުތުރު ސަރަޙައްދު ތަކަށް ޚާއްޞަކޮށް ހިމާލިޔާ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެއެވެ. އަދި ތޫފާނުގެ ބާރުމިން ގަޑިއަކު 160އާއި 170 ކިލޯ މީޓަރަށް ބާރުގަދަވާނެކަމަށްވެސް ލަފާކުރެއެވެ.