އާދަނަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ވަރަށް ޅައުމުރުގައި މާލެ ގެނައީ ކިޔަވާށެވެ. ނުވަދިހައިގެ އަހަރުތަކުގައި މާލޭގައި ނަންވިދާ ސްކޫލަކުން ކިޔަވަމުން ދިޔަ، ސްކޫލުގެ ޙަރަކާތްތަކުގައި ބައިވެރިވާ، ވަރަށް ހުނަރުވެރި ކުއްޖެކެވެ.
ގްރޭޑް އަށެއް ނިމުނުއިރު އާދަނަކީ އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެއްގެ ރީތި ޒުވާނަކަށް ވެއްޖެއެވެ. އަންހެންކުދިން ހިތްފަތަހަކުރާ ފުޅާ މޭމައްޗަކާއި ޖާދުވީ ލޮލެއް ލިބިފައިވާ އާދަނު އެދުވަސް ވަރު އުޅެމުން ގެންދިޔައީ މާބުރެއް ފަދައިންނެވެ. އެއްމަލުން ފޮނިބޮމުން އަނެއްމަލުގައި ފިރުމަމުންނެވެ.
މިގޮތަށް ޙަޔާތުގެ ދުވަސްތައް ގުނަމުން ދަނިކޮށް އާދަނަށް ވަރަށް ވަފާތެރި އަދި އޭނާ ދެކެ އިންތިހާ އަށް ލޯބިވާ ކުއްޖަކާ ދިމާވެއްޖެއެވެ. ނަމަވެސް މި ކުއްޖާ އާއި ރައްޓެހިވެގެންވެސް އާދަނަކަށް މާ ގިނަ ދުވަހަކު ނޫޅެވުނެވެ. އަހަރު ދުވަސްވީ އިރަށް އެއަށްވުރެ ރީތި އެހެން ކުއްޖަކު ފެނިއްޖެއެވެ. ނަމަވެސް އާދަނުދެކެ ތެދުވެރި ލޯބިވާ ވަފާތެރި ލޯބިވެރިޔާ އޭނައާ ވަކިވާކަށް ގަސްދެއް ނުކުރިއެވެ. އެންމެ ފަހުން އާދަނު މިފަހަރު އުޅުނީ އެއްފަހަރާ ދެ ކުދިން މަޅީގައި ޖައްސައިގެނެވެ. އެކަކަށްވެސް އަނެކެއްގެ ޙަގީގަތް ނޭގޭ ހާލު އެވެ. މިހެން އުޅޭތާ ހައެއްކަ މަސް ވީފަހުން އާދަނުގެ ޙަޤީގަތް ފަޅާ އެރީ އެކެއްގެ ގާތަށް ގޮސްހުއްޓާ އިއްތިފާގުން އަނެކަކަށް އެމަންޒަރު ލޮލަށް ފެނުމުން ނެވެ. ކޮންމެ އަކަސް އާދަނުގެ ދުވަސްވީ ތެދުވެރި ލޯބިވެރިޔާ ދޫކޮށް ދޮން ރީތި ޗާލު ޒުވާނާ އިޚްތިޔާރު ކުރިއެވެ.
އަދި ސްކޫލު ދައުރު ނިމި ވަޒީފާ އެއް ހޯދުމަށްފަހު މި ޒުވާނާއާއި ކައިވެނީގެ ގޮތުން ގުޅުނެވެ. ވަރަށް ލޯބިން ދެމަފިރިން އުޅެމުންދާތާ އަހަރެއްފަހުން ލޯބި ލޯބި އަންހެން ކުއްޖަކުވެސް ލިބިއްޖެއެވެ.
އާދަނުމެންގެ ދެމަފިރިންގެ ދަރިފުޅަށް ތިން އަހަރު ވީފަހުން އެއްރެއަކު އާދަނު ޑިޔުޓީއަށް ދާން ނުކުތެވެ. އާދަނު ޑިއުޓީ އަދާކުރަނީ އެއާޕޯޓްގައި ކަމުން ރޭގަނޑު އޮފީހަށް ހިނގައްޖެނަމަ، އާދެވެނީ އަނެއްދުވަހު އިރުއަރައި އަށެއް ނުވައެއް ޖަހާލުމުންނެވެ. ނަމަވެސް މިރޭ އާދަނު ޑިއުޓީ އަށް ދާން ނުކުމެގެން ގޮސް ފެރީއަށް އަރަން އުޅެނިކޮށް އޭނާގެ ވަރަށް ގާތް ރައްޓެސަކު ގުޅާފައި ޑިއުޓީ ބަދަލުކޮށްދިނުމަށް އެދުނެވެ. މާދަމާ ގޭގައި ކުޑަ ކަމެއް އޮތީމާ މާދަމާ އޮންނަ ޑިއުޓީ އަށް އާދަނު ގޮއްސައި މިރޭގެ ޑުއުޓީ އޭނާ އަށް ދިނުމަށް އެދުނެވެ. އާދަނު މިކަމާ އެއްބަސްވެ އެނބުރި ގެއަށް ދާން ސައިކަލު ދުއްވާލިއެވެ.
އާދަނުގެ އަތުގައި ގޭގެ ތަޅުދަނޑި އޮތުމާއެކު ޓަކިޖަހާލުމެއް ނެތި ގެއަށް ވަން އިރު އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލައެވެ. އާދަނުގެ ލޯބިވާ އަނބިމީހާ އާއި އޭނާގެ އެކުވެރިޔާ ތިބި ޙާލަތުފެނިފައި އާދަނު އަނބުރައިގަނެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ހުރެވުނު ނުހުރެވުނު ތަނެއް ނޭނގި އާދަނު މޮޔައެއް ފަދައިން ހިތަށް އައިހާ އެއްޗެއް ގޮވަން ފެށިއެވެ. އާދަނުގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި އޮތް އެދެމަފިރިންގެ ކުޑަ ދަރިފުޅުވެސް ހޭލައިފިއެވެ. އޭރު އާދަނު ހުރީ ބުއްދި ފިލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަނބި މީހާ އަށް އެއްޗިހި ގޮވަމުން ވަރިވެސް ކޮށްފިއެވެ. އަނބިމީހާވެސް ގޮތްދޫނުކޮށް ދަރިފުޅުގޮވައިގެން އާދަނުމެން ކުއްޔަށް ހިފައިގެން އުޅު އެއްކޮޓަރީގެ އެޕާޓްމަންޓުން ނުކުމެގެން ހިނގައްޖެއެވެ.
އަނެއްދުވަހު އާދަނު އޮފީހަށް ނުގޮސްގެން އޭނާގެ އޮފީސް ފަރާތުން އާދަނަށް ގުޅާ ގުޅާ ޚަބަރެއް ނުވިއެވެ. އެންމެފަހުން އޮފީސް ދެ ކުއްޖަކު އާދަނު އުޅޭ ގެއަށް ގޮސް ބެލި އިރު އޭނާ އޮތީ ކޮޓަރީގައި ޚަބަރު ހުސްވެފައެވެ. އާދަނުގެ އެކުވެރިން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީގެން ހޭ އެރުމާ އެކު ފާތުން ކޮބައިތޯ ސުވާލުކުރިއެވެ. އެއަށްފަހު ރަޙުމަތްތެރިންގެ ގާތުގައި ފާތުން ކަންތައް ކުރި ގޮތް ކިޔައި ދިނެވެ. އަދި ބާރަށް ގިސްލާ ރޯންފަށައިފިއެވެ.
މިހާރު އާދަނުގެ ހާލަކީ މިއީ އެވެ. މީހަކު ފެންނައިރަށް ފާތުން ކޮބައިތޯ ސުވާލު ކުރެއެވެ. ބައެއް އަންހެން ކުދިން ފެނުމުން ފާތުންނޭ ކިޔާ ގޮވައި އެކުދިން ހިފަހައްޓާވެސް ހަދައެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ އާދަނުގެ ބޭބެ އޭނާގެ މައިންބަފައިން މާލެ ގެނައެވެ. އަދި ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ޑޮކްޓަރުގެ ލަފާގެމަތިން އާދަނު ރަށަށް ގެންދިޔައެވެ. ނަމަވެސް އާދަނުގެ ހާލަކަށް ބަދަލެއް ނާދެއެވެ. އަބަދަވެސް ގޮވަނީ "ފާތުން ކޮބާ؟ އޭނާ ގެނެސްދީ އޭނާ ވީތަނެއް ހޯދައިދީ! "
އާދަނުގެ އާއިލާގެ މީހުން ފާތުންނަށް އާދަނުގެ ޙާލަތު ކިޔައިދީ އޭނާ ގާތަށް އައުމަށް އެދުނެވެ. ނަމަވެސް ފާތުން ބުނީ އޭނާ ދެން އާދަނާއި ގުޅިގެން އުޅެން ބޭނުން ނުވާކަމަށެވެ.
ފާތުން މިހާރު ދިރި އުޅެނީ އުމުރުން ދުވަސްވީ މާލޭގެ ރައްވެއްސަކާއި ކައިވެނި ކޮށްގެނެވެ. އާދަނު އޭނާގެ މުސްކުޅި މަންމަ އާއި ބައްޕައާއި އެކު އުފަން ރަށުގައި ދުވަސްތައް ގުނަމުން ދެއެވެ. އަމިއްލަ އަށް ކާއެއްޗެއް އަނގަޔަށް ނުލެވޭތާ ގައިން ތާހިރުވެ ވެލަންވެސް ނޭނގޭ ހާލުއެވެ. އޭނާގެ ބުއްދި ފިލާ ގޮސްފައިވާތީއެވެ.
ނޯޓު: މީ ހަޤީގީ ހާދިސާ އެއްގެ މައްޗަށް ބިނާ ކޮށް ލިޔެފައިވާ ލިޔުމެކެވެ.