އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީ 2-1 އިން ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދައި ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ޗެލްސީން ހޯދައިފިއެވެ.
އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެސްޓަރ ސިޓީ އަތުން ބަލިވުމާއި ލެސްޓަރ ސިޓީންވެސް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރުމަށް މުހިއްމު މެޗަކަށް މިމެޗް ވާތީ މިމެޗުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.
ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ޗެލްސީގެ ޖަރުމަނު ފޯވާޑް ޓިމޯ ވާނާއަށް ލިބުނެވެ. އެކަމަކު މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ޗެލްސީން ލީޑް ނެގީ ދެވަނަ ފަށައިގެން ދެވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ލަނޑުންނެވެ. ޗެލްސީން ލީޑް ފުޅާކޮށް އިތުބާރު ހޯދީ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯ 66 ވަނަ މިނެޓުގައ ކާމިޔާބު ކޮށްދިން ޕެނަލްޓީއިންނެވެ. މިއީ ލެސްޓަރގެ އޭރިޔާގެ ތެރެއިން ވާނާއަށް ފޮފުނާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ. ލެސްޓަރއިން ފަރަގު ކުޑަ ކުރީ 76 ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް ކެލެޗީ ނަޗޯގެ ލަނޑުންނެވެ. މެޗުގެ ފަހު ދިހަ މިނެޓް ލެސްޓަރއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެޓީމަށް 88 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއްވެސް ލިބުނެވެ. އެކަމަކު ހުހަށް ހުރެ މިޑްފީލްޑަރު ޕެރޭޒް ފޮނުވާލި މިހަމަލާ ދިޔައީ ޗެލްސީގެ ގޯލު ދަނޑި މަތިން ބޭރަށެވެ.
ލެސްޓަރ އަތުން މޮޅުވެ ޗެލްސީ 3 ވަނައަށް ކުރިއަށް ޖެހިލީ 67 ޕޮއިންޓާއެކުއެވެ. ލީގުގައި ޗެލްސީއަށް ބާކީ އޮތީ އެސްޓަންވިލާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެމެޗުން މޮޅުވެގެން ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު މިހާރު ޗެލްސީއަށް އެބައޮތެވެ. ޗެލްސީ އަތުން ބަލިވުމުގެ ސަބަބުން ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ލެސްޓަރއަށް މިހާރު ވަނީ ގެއްލިފައެވެ. ލީގުގެ 4 ވަނައިގައި މިވަގުތު 66 ޕޮއިންޓާއެކު ލެސްޓަރ އޮތީ 5 ވަނައިގައި 63 ޕޮއިންޓާއެކު އޮތް ލިވަޕޫލަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ. ލެސްޓަރ އަށް ބާކީ އޮތީ ޓޮޓެންހަމްއާ ދެކޮޅަށް މެޗެވެ. ލިވަޕޫލަށް ބާކީ އޮތް ދެމެޗަކީ ބާންލީ އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.