އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ބޭނުން ކުރަމުން ގެންދާ މަލްޓި މިލިޔަން ޑޮލަރުގެ 7 ކާރު ދަންވަރުގެ ވަގުތެއްގައި އިޓަލީއިން ބޭރު ކުރާ މަންޒަރުތަކެއް "ދަޑެއިލީ މެއިލް" އިން އާންމުކޮށްފިއެވެ.

ޓިއުރިންގައި ރޮނާލްޑޯ ދިރިއުޅެމުން އަންނަ ގެއިން ކާރުތައް ނެރެ އަރުވާފައި ވަނީ "ރޯޑޯ ކާގޯ" ގެ ވެހިކަލް އުފުލާ އުޅަނދަކަށެވެ. ރޯޑޯ ކާގޯއަކީ ޕޯޗުގަލްގެ ލިޒްބަންއަށް ނިސްބަތްވާ ވަރަށް މަޝްހޫރު ކުންފުންޏެކެވެ. އަނެއްކޮޅުން ލިޒްބަންގެ ސްޕޯޓިންގ ލިޒްބަން ފުޓްބޯޅަ ކްލަބަކީ ރޮނާލްޑޯ ފުޓްބޯޅަ ކެރިޔަރ ފަށައި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅެމުންދިޔަ ކްލަބެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން ރޮނާލްޑޯގެ މަންމަ ވަނީ ސްޕޯޓިންގ ލިޒްބަންއަށް ރޮނާލްޑޯ ގެންދިޔުމަށް އޭނާ އިރުޝާދު ދީފައިވާނެ ކަމަށް ސަމާސާ ރާގެއްގައި ބުނެފައެވެ. އެކަމަކު ރޮނާލްޑޯގެ އެޖެންޓް މެންޑޭޒް ބުނެފައި ވަނީ ލިޒްބަންއާއެކު ތަށްޓެއް ކާމިޔާބު ކުރުމަކީ ރޮނާލްޑޯ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ސީޒަނުގައި ސްޕޯޓިންގ ލިޒްބަންއިން ރޮނާލްޑޯ ފެނުން ދުރު ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ޖުވެންޓަސްއިން ރޮނާލްޑޯ ރެއާލްގައި ހުއްޓައި ގެނައީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް އެޓީމުން ދެކެމުން އަންނަ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައެވެ. އެކަމަކު ފާއިތުވެދިޔަ ތިން ސީޒަނުގައި ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގް ފައިނަލަށްވެސް ދެވިފައެއް ނުވެއެވެ. އަނެއް ކޮޅުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުން ޔުވެންޓަސްއަށް ފުރުސަތު ލިބިދާނެތޯވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. ލީގުގައި ބާކީ ޔުވެންޓަސްއަށް އެއްމެޗް އޮތްއިރު ތާވަލުގެ 5 ވަނައިގައި އެޓީމް އޮތީ 75 ޕޮއިންޓާއެކުއެވެ. ޗެމްޕިއަންސް ލީގުން ޔުވެންޓަސްއަށް ޖާގަ ލިބެން އޮތީ ލީގް ފަހު މެޗުގައި ބްލޮގްނާ އަތުން މޮޅުވެ، ތާވަލުގެ 4 ވަނައިގައި އޮތް ނަޕޯލީ އާއި 3 ވަނައިގައި އޮތް އޭސީ މިލާންކުރެ ޓީމެއް ފަހު މެޗުގައި ބަލި ވެގެންނެވެ.