ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވާ ކޮންމެ ފަހަރަކު، އިސްރާއީލަށް ރޮކެޓް ހަމަލާދިނުން ހުއްޓާލަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ޣައްޒާގެ ޖަމާއަތްތަކަށް ގޮވާލައްވާތީ، ހަމާސްއާއި އިސްލާމިކް ޖިހާދުން ބައިޑެންއަށް ރައްދު ދީފިއެވެ.
ހަމާސްގެ ތަރުޖަމާނު ހާޒިމް ޣައްސާމްވަނީ، ހަމަލާތައް ހުއްޓައި މަސްރަހް އަމާންކުރަން ގޮވާލާމީހާ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، އިސްރާއީލުން ގުދުސްގައި ހިންގާ އުދުވާނުތައް ހުއްޓުވައި އަދި ޣައްޒާއަށް ބޮންއެޅުން ހުއްޓުވުން ކަމަށެވެ.
އިސްރާއީލުން ހިންގާ އުދުވާނުތައް ހުއްޓުވުމުން، މަސްރަހް ހަމަޖެހުމަކަށް ގެނައުމަށް ވާހަކައެއް ދައްކަންއޮތަސް އެކަން ހަމަޖެހިގެންދާނީ އޭރުން ކަމަށް ހާޒިމް ޣައްސާމް ވިދާޅުވިއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ އަނެއް ޖަމާއަތް ކަމަށްވާ އިސްލާމިކް ޖިހާދުގެ ވެރިޔާ ޒިޔާދު އަލްނަޚާލާ ވިދާޅުވީ، އިސްރާއީލުން ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، ސިޔާސީ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތް ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް އޮތް ހަމައެކަނި މަގަކީ، ގުދުސްއާއި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށިފަހުން އެމެރިކާގެ ރައީސް ބައިޑެންވަނީ ހަތަރު ފަހަރެއްގެ މަތިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވާފައެވެ.
ފުރަތަމަ ގުޅުއްވި ތިން ފަހަރު، ޣައްޒާއަށް ބޮން އެޅުން ހުއްޓާލަން އެދިވަޑައެއް ނުގަންނަވައެވެ. ވިދާޅުވީ، އިސްރާއީލު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ. އަދި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން ކުށްވެރި ކުރެއްވިއެވެ.
ނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ފިއްތުންތަކާއި، އެމެރިކާގެ ސިޔާސީ ފަރާތްތަކުން ނުރުހުން އަމާޒުވުމުން ބައިޑެން ހަތަރުވަނަ ފަހަރު ނަތަންޔާހޫއަށް ގުޅުއްވައި، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މަޑުޖެއްސުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެއެވެ.
އެހެން ނަމަވެސް، ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އަދިވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ބައިޑެން ގުޅުއްވި ފަހުންވެސް ނަތަންޔަހޫވަނީ މީޑިއާގައި ވާހަކަ ދައްކަމުން "ކޮޅެއްގައި ޖެހެންދެން" ޣައްޒާއަށް ބޮން އަޅާނޭކަމަށް ބުނެފައެވެ.
އިސްރާއީލު ސިފައިން ހިންގާ އުދުވާނުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 227 އަށް އަރާފައެވެ. އޭގެ ތެރޭގައި 64 ކުޑަކުދިންނާއި، 38 އަންހެނުންނާއި، އުމުރުން ދުވަސްވީ 16 މީހުންވެސް ހިމެނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުރީގެ ދުވަސްތަކާ އަޅާ ބަލާއިރު އިސްރާއީލުން ބުރާސްފަތި ދުވަހާއި އަދި މިރޭ ޣައްޒާއަށް ބޮންއެޅުން ތަންކޮޅެއް މަދުވެފައި ވެއެވެ. އަދި ހަމާސްއާއި، ޣައްޒާގެ ޖަމާއަތްތަކުން އިސްރާއީލަށް ދެމުންގެންދާ ރޮކެޓް ހަމަލާތައްވެސް ހިސާބަކަށް މަދުވެފައި ވެއެވެ.
އިސްރާއީލު ސިފައިން ބުދަދުވަހުވަނީ ޣައްޒާގެ ދެކުނުގެ ހިސާބުތަކަށާއި، މެދުތެރޭގެ ބައެއް ތަންތަނަށް ބޮން އަޅާފައެވެ. ބައެއް ގެތަކާއި، އިމާރާތްތަކަށްވެސް ބޮން އަޅާފައި ވެއެވެ.