މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައި މިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކުރިން ދުވަހަކުވެސް އުޅެފައި ނުވާ ގޮތަކަށެވެ. ދަރިން ނަށް ސްކޫލަކަށް ނުދެވެއެވެ. އަދި ބޭރަށް ނުކުމެ ބަލާލުންވެސް މިއަދު މި ޖެހެނީ އެކުދިންނަށް މަނާކުރާށެވެ. ގިނަވަގުތު އޮފީގައި ހޭދަ ކުރާ ބައްޕަވެސް މިވަނީ ގޭގައި އިންނަން ޖެހިފައެވެ.
މި ހާލަތުގައި ގިނަ މީހުނަށް ތަފާތު ގިނަ އަސަރުތަކެއް ކޮށް ނަފުސާނީ މައްސަލަތައް ދިމާވާކަމަށް ޑްކޮޓަރުންވެސް ކިޔައިދެއްވަމުން އެބަ ގެންދަވައެވެ. ނަމަވެސް މިއަދު މި ނޫން ގޮތެއް ނެތެވެ. ދަރިފުޅު ގޮވައިގެން ޕާކަށް ދެވޭކަށް ނެތެވެ. ރައްޓެހިންނާއެކު ކޮފީ އަކަށް އެރޭކަން ނެތެވެ. ވީމާ މިފަދަ ހާލަތުގައި ދިރިއުޅުން ބައްޓައްކުރާނެ ގޮތްތައް ރާވަންޖެހެއެވެ.
ނަފުސާނީ މައްސަލަތައް ދިމާ ނުވާނޭހެން ފޫހި ފިލުވާނެ ކަންތައްތަކެއް ކުރަން ޖެހެއެވެ. އެގޮތުން އަޅުގަނޑު މެންނަކީ މުސްލިމުން ކަމަށް ވާއިރު ދީނީ ކަންތައްތަކަށް ސަމާލުކަން ދީ ދަރިންވެސް އެކަންކަމަށް އަހުލުވެރިކުރުމަކީ މުހިންމު ކަމެކެވެ. ޤުރުޢާން ކިޔެވުން ގިނަކޮށް ދަރިންގެ ކިބައިގައިވެސް އެއާދަ ހަރުލެއްވުމަށް މަސައްކަތް ކުރެވިދާނެއެވެ. އެއާއެކު ގޭގައި ހޭދަކުރާ ވަގުތުތަކުގައި ފޮތް ކިޔުން ގިނަ ކުރުމަކީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ދަރިންވެސް ފޮތް ކިޔުމަށް ޝައުގުވެރި ވާނެއެވެ.
އަބަދު ސްކްރީންތައް ދީފައި ބޭތިއްބުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.
ސްކްރީން ވަގުތު މަދުކޮށް ކުޅޭނެ އެކި ކަހަލަ "އިންޑޯ" ގޭމުތަކަށް ކުދިން އަހުލުވެރި ކުރެވިދާނެއެވެ. ކެރަމް އާއި ރާޒުވާ އަދި ތާފާތު ވައްތަރުގެ "ސްޕެލިން" ދަސްކުރާ ގޭމުތައްވެސް ކުޅެވިދާނެއެވެ. ހަމަ އެހެންމެ ބަސްކޮށާރު މުއްސަނދި ކުރުމަށްޓަކައި ބަސްބާޒީ ފަދަ ކުޅިވަރުތައްވެސް ކުދިންނަށް ދަސްކޮށްދެވި ދާނެއެވެ. އަދި އަރަތް ކިޔުމަކީވެސް ކުދިންގެ ވިސްނުން ތޫނުވެ ކަންކމަމާމެދު ވިސްނާނެ ފުރުޞަތު ލިބޭނެ ކަމެކެވެ. ހަމަ އެހެންމެ ކުރެހުން ކަހަލަ ހުނަރުތައް ލިބިފައިވާ ކުދިންނަށް އެ ފުރުޞތު ހުޅުވާލަދީ ކުރިއަށް ދާނެ މަގު ދައްކައި ދިނުމަކީ މި ފުރުޞަތުގައި އެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެކެވެ.
ކުރީގައި ދިވެހިން ނަކީ ގޭތެރޭގައި ތިބެގެންވެސް ވަރަށް ގިނަ ކުޅިވަރުތައް ކުޅުނު ބައެކެވެ. އޮއްވަޅު ކުޅުމާއި ފައްސޮއް އަދި ތިން ހަމަ އަކީވެސް ފޯރި އާއެކު ގޭތެރޭގައި ކުޅުނު ކުޅިވަރުތަކެވެ. މާބޮޑު ޚަރަދަކާއި ނުލާ ކުޅެވޭ މިފަދަ ކުޅިވަރުތައް މިހާރުގެ ކުދިންނަށް ނުވެސް އެނގެއެވެ. ވީމާ މި ފުރުޞަތުގައި ކުދިންނަށް މި ކުޅިވަރުތައް ދަސްކޮށްދިނުމަކީވެސް ފައިދާ ހުރިކަމެކެވެ.
މާލޭގައި ގޯތިތެރޭގައި ހުސް ބިންކޮޅެއް ނެތް ނަމަވެސް ރަށްރަށުގައި ކޮރާކުޅުން ފަދަ ކުޅިވަރުތައްވެސް ކުޅެވިދާނެއެވެ.
ވީމާ ގޭގައި މި ތިބޭ ދުވަސްވަރު ސްކްރީނަށް ދޭ ވަގުތު މަދުކޮށް ފައިދާ ހުރި ކަމެއް ކުދިންނަށްވެސް ދަސްކޮށްދޭށެވެ.
ތިމާއާއި ތިމާގެ އާއިލާ ނަފުސާނީ ދުޅަހެޔޮ ކަންމަތީ ތިބުމަށްޓަކައި ގޭގައި ތިބެވެސް ރަނަގަޅު ފައިދާހުރި ކަންތައްތަކެއް ކުރެވިދާނެއެވެ.