ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ދެކުނު އެމެރިކާ ސަރަހައްދީ ފުޓްބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ބޭއްވުމުގެ ފުރުސަތު ކޮލަމްބިޔާއަށް ގެއްލިއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ އަހަރު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް މިއަހަރަށް ފަސްކުރިއިރު މިމުބާރާތް ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާގައެވެ. އެކަމަކު ކޮލަމްބިއާގެ ރައްޔިތުން މެދު ކެނޑުމެއްނެތި އެގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމުން ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ (ކޮންމެބޮލް) އަށް މަޖުބޫރުވީ ކޮލަމްބިއާގައި ކުޅުމަށް ހަމަޖެފައިވާ މެޗުތައް ކެންސަލް ކުރުމަށެވެ. ކޮލަމްބިއާއިން އެދިފައި ވަނީ މުބާރާތް މިއަހަރުގެ ނޮވެމްބަރު މަހަށް ފަސް ކޮށްދިނުމަށެވެ.

ކޮންމެބޮލްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ މުބާރާތް ދެވަނަ ފަހަރަށް ފަސް ކުރެވެން ނެތް ކަމަށާއި އަދި ކޮލަމްބިއާގެ ބަދަލުގައި އެފުރުސަތު ދޭނެ ގައުމަކާއި މެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މިފުރުސަތު ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ޕެރަގުއޭއަށެވެ. ނުވަތަ ޗިލީއަށެވެ. މިމުބާރާތުގެ ތާރިހުގައި މީގެ ކުރިން ދެގައުމެއްގައި މިމުބާރާތް ބާއްވާފައެއް ނުވެއެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އޮތް ޖޫން 13 އިން ޖުލައި 10 އަށެވެ. މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ މަޝްހޫރު ބްރެޒިލެވެ.