"ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަން" އިން އިނގިރޭސި ޕްރިމިއަރ ލީގުގެ މިސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެންޗެސްޓަރ ސިޓީ އާއި ޕޯޗުގަލްގެ އިތުބާރު ޑިފެންޑަރު ރުބެން ޑިއަސް ހޮވައިފިއެވެ.

ޕޯޗުގަލްގެ ބެންފީކާއިން މިސީޒަނުގައި 68 މިލިޔަން ޕައުންޑަށް މެންޗެސްޓަރ ސިޓީއާ ގުޅުނު ޑިއަސްއާ މިމަގާމަށް ވާދަކުރީ ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އާއި މެން.ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ.

މިއީ 1989 ވަނަ އަހަރު ލިވަޕޫލްގެ އޭރުގެ ވަރުގަދަ ޑިފެންޑަރު ސްޓީވް ނިކޯލް މިއެވޯޑް ހޯދިފަހުން ޑިފެންޑަރަކަށް މިއެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. "މިއީ ވަރަށް ހާއްސަ އެވޯޑެއް. އާންމުކޮށް މިފަދަ އެވޯޑްތައް ލިބެނީ ގޯލް ޖަހާ ކުޅުންތެރިންނަށް. އެކަމަކު އަހަންނަށް މިއެވޯޑް ލިބުމުން އެބް ރަމްޒުކޮށްދޭ ސިޓީގެ (މެންޗެސްޓަރ ސިޓީ) ގޭމް އެތުރިފައި އޮންނަ ގޮތް. ސިޓީގެ ގޭމް ބިލްޑް ވެގެން އަންނަ ގޮތް. ސިޓީގެ ކުޅުންތެރިން ދަނޑުމަތީގައި ދައްކުވާ ހިތްވަރާއި ރޫހާއި ދަނޑުމަތީގައި އޮންނަ ބަދަހި ގުޅުން" ޑިއަސް،23، ބުންޏެވެ.

ޗެމްޕިއަސް ލީގް ސެމީފައިނަލުގައި ޕީއެސްޖީގެ ފޯވާޑް އެމްބައްޕޭއަށް ފުރުސަތު ނުދީ ޑިއަސް ބޯޅަ ކޮންޓްރޯލް ކުރަނީ.

ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުގެ ޗެއަރ ކެރީ ބްރައުން ވިދާޅުވީ ޑިއަސްއަށް މިއެވޯޑް ލިބުނީ ދަނޑު މަތީގަޔާއި ދަނޑު ބޭރުގައި އޭނާގެ ލީޑްޝިޕުގެ ވަރުގަދަ ކަމާއި ޑިފެންސް ކުރުމުގައި އޭނާގެ ފަރާތުން މުޅި ސީޒަނުގައި ފެނިގެންދިޔަ ހުނަރުވެރިކަމުގެ ސަބަބުން ކަމަށެވެ.

ގާޑިއޯލާ ބޮޑު އަގުގައި ޑިއަސް ސިޓީއަށް ގެނައުމުން ބައެއް ފަރާތްތަކުން އޭނާއަށް ބޮޑެތި ފާޑު ކިޔުންތަކެއްވެސް އަމާޒު ކުރިއެވެ. އެކަމަކު މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބު ކުރުމުގައި ޓީމުގެ ޑިފެންސް ލައިން ހަމަޔަކަށް އެޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޑިއަސްއެވެ. މީގެ އިތުރުން ސިޓީގެ ތާރިހުގައި ފުރަތަމަ ފަހަރަށް މިސީޒަނުގައި ޗެމްޕިއަންސް ލީގް ފައިނަލުން ޖާގަ ހޯދިއިރު ސިޓީގެ ޑިފެންސް ލައިނުގެ ހިތަކަށް ވެފައި އޮތީވެސް ޑިއަސްއެވެ.