ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ އުތުރުގެ އެކިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

އެތަނުން ބުނެފައިވަނީ އުތުރަށް ވިއްސާރަ ކުރުމުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ ދެފޫޓާއި ފަސް ފޫޓާ ދެމެދު ގައި ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.