ގުދުސްއާއި، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނު ސައުދީ ރަސްގެފާނު ސަލްމާން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

ސައުދީ ރަސްގެފާނު މިކަން ކުށްވެރި ކުރެއްވީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ހުކުރު ދުވަހު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަލްމާން ރަސްގެފާނުވަނީ، އިސްރާއީލުގެ "އިސްތިއުމާރީ ސަރުކާރަށް" ހުރިހާ ދިމާއަކުންވެސް ފިއްތުންތައް ކުރިމަތިކުރުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށް ވިދާޅުވެފައެވެ.

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި، ޣައްޒާގެ ޖަމާއަތްތަކާ ދެމެދު ވެވުނު އެއްބަސްވުމަށް ސައުދީ އަރަބިއްޔާއިން ކުރިންވަނީ މަރްހަބާ ކިޔާފައެވެ.

ސައުދީ ސަރުކާރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ، ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، އިސްރާލާއި ޣައްޒާގެ ޖަމާއަތްތަކާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓުވަން މިސްރާއި، ބައިނަލްއަގްވާމީ މުޖުތަމައުން ކުރި މަސައްކަތަށް ސައުދީ އަރަބިއްޔާއިން ޝުކުރު އަދާކުރާ ކަމަށެވެ.

ހަމަ އެއާއެކު، ފަލަސްތީނު-އިސްރާއީލު މައްސަލައަށް ހައްލެއް ހޯދުމަށް ސައުދީން ކުރާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް، ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި، ކުޑަކުދިންނާއި، އަންހެނުންނާއި އެތައްބަޔަކު ޝަހީދުކޮށް، އިމާރާތްތަކާއި ގެތައް ސުންނާފަތި ކުރަމުން ދިޔައިރުވެސް، އެކަން ކުށްވެރި ކުރުން ފިޔަވައި، އިސްރާއީލު ހުއްޓުވަން ސައުދީ އަރަބިއްޔާއިން އެކަށީގެ މަސައްކަތެއް ކޮށްފައި ނުވާތީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުން ސައުދީ އަރަބިއްޔާއަށް އަމާޒުވެފައި ވެއެވެ.

ސައުދީ އަރަބިއްޔާއަކީ، ފަލަސްތީނު ހިމެނޭ ސަރަހައްދުގައިވެސް އަދި އިސްލާމީ އުންމަތުގައިވެސް މުހިންމު ގައުމަކަށްވާއިރު، އިސްލާމީ ގައުމުތައް ހިމެނޭ ޖަމާއަތް، އޯއައިސީންވެސް ބައްދަލުވުމެއް ބާއްވައި، އިސްރާއީލު ކުށްވެރި ކޮށްފައި ޖަލްސާ ނިންމާލީއެވެ.

ނުވިތާކަށް، ސައުދީ އަރަބިއްޔާއަކީ އެމެރިކާގެވެސް ގާތް އެކުވެރި ގައުމަކަށްވާއިރު، އިސްރާއީލުން ހިންގަމުން ގެންދިޔަ ޖަރީމާތައް ކުށްވެރިކޮށް ނުވަތަ އެކަން ހުއްޓުވަން އދގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ތަކުރާރުކޮށް ހުރަސްއަޅަމުން ދިޔައިރުވެސް ސައުދީ އަރަބިއްޔާއިން ބަހެއް ބުނެފައި ނުވާތީ އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ.