އިންސާނުންނަކީ އެމީހުނަށް ހަމްދަރުދީވެ އޯގާތެރި ބަސްތަކުން ފިރުމާ މީހުންނަށް ވަރަށް ފަސޭހައިން ލެނބޭ ބައެކެވެ. ހެއްލޭ ބައެކެވެ. ޚާއްޞަކޮށް އަންހެނުންނެވެ. ޠަބީއީ ގޮތުންވެސް އަންހެނުން ނަކީ ލޯތްބާއި އޯގާތެރި ކަމާއި އަޅާލުން ބޭނުން ވާބައެކެވެ. މިފަދަ ލޯތްބާއެކު މީހަކު ހަމްދަރުދީ ފާޅުކޮށް އޯގާތެރި ބަސްތަކާއެކު ފިރުމާނަމަ، ވަރަށް ފަސޭހައިން އެމީހަކު ދައްކާ ވާހަކަތައް ޤަބޫލު ކުރެވެއެވެ. އެއީ ކާކުކަން ނުވެސް އެނގެނީސް ތިމާގެ މުޅި ޙަޔާތް އެމީހެއްގެ އުނގަށް ބަންޑުން ކޮށްލެވެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރު ކުރިމަތިވަނީ ހިތި ނަތީޖާ އެވެ.

ޙަޔާތުގައި ހިތްދަތި ދުވަސްތަކެއް ގުނަން ޖެހިފައިވާ ފަރާތް ތަކަށް މީހަކު ހަމްދަރުދީވެ، ލޯބިން ވާހަކަ ދައްކަށް ފަށައިފިނަމަ، އެއީ ތެދުވެރިއެއް ކަމަށް ހީކުރެވެއެވެ. ނަމަވެސް މިކަމުން ވަރަށް ގިނަ ފަރާތްތަކަށް ލަނޑު ލިބިފައި އެބަހުއްޓެވެ. ޚާއްޞަކޮށް މިހާރުގެ މީސް މީޑިއާގެ ވަޞީލަތް ތަކުން ވަރަށް ގިނަ ފަހަރަށް ބޮނޑި ލިބެއެވެ.

ރައްޓެހި ފިރިހެން ކުއްޖަކު ކިޔައިދިނެވެ. ފޭސް ބުކުން ފެނުނު ވަރަށް ރީތި އަންހެންކުއްޖަކާ ވާހަކަދައްކަން ފެށީމެވެ. އޭނާގެ ފޮޓޯތައް ވަރަށް ރީއްޗެވެ. ވާހަކަ ދެއްކުވެސް ވަރަށް ހިތްގައިމެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ އަޑެއް ނާހަމެވެ. ވާހަކަ ދެއްކީ ޗެޓް މެދުވެރިކޮށެވެ. ދެ މަހެއްހާ ދުވަހު މިގޮތަށް ވާހަކަ ދެއްކުމަށް ފަހު ދެމީހުން ބައްދަލުވުމަށް ނިންމި އެވެ. ބައްދަލު ވުމަށް ނިންމީ އެ އަންހެންކުއްޖާ އުޅޭ ގޭގެ ކޮޓަރީގައެވެ. ވަރަށް ކެތްމަދުވެފާހުރެ އޭނާ ބުނި ގަޑިއަށް ބައްދަލުކުރަން ދިޔައިރު އެކޮޓަރިން ދިމާވީ ޒުވާން ފިރިހެނަކާއެވެ. އަންހެންކުއްޖާ ކޮބައިތޯ ސުވާލު ކުރުމުން ކޮޓަރި ތަޅުލުމަށް ފަހު ބުނީ އެއީ އަންހެން ކުއްޖާ ކަމަށެވެ. މިހާދުވަސް ވާންދެން އެކުވެރިޔާވާހަކަ ދެއްކީ ފިރިހެނަކާއެވެ. އެތައް މަސައްކަތަކުން އެ ޒުވާނާގެ ކިބައިން ސަލާމަތް ވެވުނެވެ. ނަމަވެސް ތަހައްމަލު ކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެކެވެ.

ހަމަ އެގޮތަށް ނާކާމިޔާބު ކައިވެންޏަކަށް ފަހު ދެ އަހަރުގެ ކުޑަ ފިރިހެން ދަރިއަކު ބަލަމުން ދާ އެކަނިވެރި މަންމަ އަކަށް ދިމާވި އޯގާތެރި އެކެވެ. ރާއްޖޭގެ ރަށެއްގައި ދިރިއުޅެމުންދާ މި މަންމަ އަކީ ރީތި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ފޭސް ބުކުން ދިމާވި ހިތް ހެޔޮ އެކުވެރިއަކާއި ވާހަކަ ދައްކަމުން އައިސް އެކަކު އަނެކަކު ދަސްވެއްޖެކަމަށް އަންހެންކުއްޖާ އަށް ހީކުރެވުނެވެ. ވީޑީއޯ ކޯލް ތަކާއި ފޮޓޯ ތަކުންވެސް އެ ޒުވާނާ އަށް ހިތް ދެވިއްޖެއެވެ. އެހެން ކަމުން އޭނާގެ އެދުމުގެ މަތިން ދަރިފުޅު މަންމަ ގާތު ބަހައްޓާފައި އޭނާ އާއި ބައްދަލު ކުރުމަށް މާލެވެސް އަތުވެއްޖެއެވެ. ބައްދަލު ކުރަން މި އައީ ކައިވެނީގެ ކަންތައް ހަމަޖެއްސުމަށް ޓަކައެވެ. މާލޭގައި ހަފުތާއެއް ހާދުވަސް ހޭދަ ކުރިއިރުވެސް ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެއް ނޭޅުނެވެ. ކުރެވުނު އިތުބާރެއްގެ ސަބަބުން އަންހެން ކުއްޖާ އަށް ވަނީ ކައިރި ވާންވީ ހިސާބަށް ވުރެ ބޮޑަށް ކައިރި ވެވިފައެވެ. ކައިވެނީގެ ވާހަކަ ދައްކާއިރަށް ކޮންމެސް ބަހަނާއެއް ދައްކާތީ އަންހެންކުއްޖާ އަށް ޝައްކުވެގެން އެކުވެރިއަކު ލައްވާ މި ޒުވަނާގެ މައުލޫމާތު ހޯދިއެވެ. ހަޤީގަތް އެނގުނު އިރު އެއީ މީހެއްގެ ފިރި އެކެވެ. ދެކުދިންގެ ބައްޕަ އެކެވެ.

އޭނާ ކަންތައް ކުރިގޮތް ބޭޒާރުކޮށް އަނބިމީހާއަށް ފަޅާ އަރުވާލެވޭކަށް ވެސް ނެތެވެ. އޭގެ ކުރިން ތިމާ މިއޮތީ ހަޑިހާވައިފައެވެ. "ބްލެކްމެއިލް" ކުރާނެ އެތައް މަންޒަރުތަކެއް ޒުވާނާގެ ފޯނުގައި ވަނީ ރައްކާކޮށްފައެވެ.

މިއީ ކޮންމެ މީހަކަށް ދިމާވާނެ ގޮތެކޭ ނުދަންނަވަމެވެ. ނަމަވެސް މިފަދަ ކަންތައްތައް ދިމާވަމުން ދާތީ މީހެއްގެ ހަމްދަރުދީ އާއި ލޯބި ލިބުނަސް އެއީ ހަޤީގަތްތޯ ބަލާފައި ނޫނީ ކުރިއަށް ނުދާށެވެ. އަދި އެ ހަމްދަރުދީއާއި ލޯތްބަށް ނުހެއްލޭށެވެ. އެހެނަސް ކޮންމެ ހެއްލުމަކީ ގެއްލުމަކަށްވެސް ނުވެދާނެއެވެ.