މޫދު ކުޅިވަރު ކުރި އެރުވުމުގެ ގޮތުން ރާއްޖޭގެ 8 ރަށެއްގައި ސާފް ޝެކް އެޅުމަށް ކައުންސިލުތަކާއި ހަވާލު ކުރައްވާފައިވާ ކަމަށް ޔޫތު މިނިސްޓަރ ހާމަ ކުރައްވައިފިއެވެ.

ފާއިތުވި ހަފުތާގައި ހަވާލުކުރެއްވި މަސްރޫޢުތައް ކުރިއަށް ގެންދަވަން ހަވާލުކުރެއްވީ ނ. ޅޮއްސާއި، ރ. ރަސްމާދޫއާއި، ކ. ތުލުސުދޫ އާއި، ކ. ހިންމަފުށްޓާއި، ލ. މާބައިދޫ އާއި، ގދ. ގައްދޫ އާއި، ގދ. ވާދޫގެ އިތުރަށް ފުވައްމުލަކު ސިޓީއަށެވެ.

މިނިސްޓަރ މަހުލޫފު ވިދާޅުވިގޮތުގައި 2019 ގައި ވެސް ސާފް ޝެކް އެޅުމަށް ރާއްޖޭގެ 5 ރަށެއް ކަނޑަ އަޅުއްވާ އިއުލާނު ކުރެއްވިއެވެ. ނަމަވެސް އޭރުގައި އޮތް ބަޖެޓުން އެކަން ކުރެވޭގޮތް ނުވީއެވެ. ނަމަވެސް މިފަހަރުން އަލުން ބަޖެޓް ހޯއްދަވައިގެން އިތުރު ރައްތައް ހިމަނުއްވައިގެން މި މަސްރޫޢު ކުރިއަށް ގެންދެވުމަށް ނިންމެވީއެވެ. ކޮވިޑްގެ މިހާލަތުގައި ބޭނުންވާ ހުރިހާ ރަށެއްގައި ސާފް ޝެކް ތައް އަޅަން ހަވާލު ނުކުރެއްވުނު ނަމަވެސް ވަރަށް އަވަސް މުއްދަތެއްގައި އިތުރު ރަށްރަށުގައިވެސް މި މަސްރޫޢު ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާވެއެވެ.

މިގޮތުން ކ. ގުރައިދޫއާއި މ. މުލި އަދި ދ. ކުޑަހުވަޑޫގައިވެސް ސާފް ޝެކް އެޅުމަށް ވަރަށް އަވަހަށް ކައުންސިލު ތަކާހަވާލު ކުރެއްވޭނެ ކަމަށް މިނިސްޓަރ ވިދާޅު ވިއެވެ. އަދި އެކަމާ ކައުންސިލުތަކާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ހާމަ ކުރެއްވިއެވެ.

މި ސާފް ޝެކް ތަކުގެ ސަބަބުން މި ފަދަ ކުޅިވަރު ތަކަށް ޝަޢުގު ވެރިވާ ފަރާތް ތަކަށް ވަރަށް ބޮޑު ފުރުޞަތެއް ހުޅުވާލެވޭނެއެވެ. އަދި މިއީ ފަތުރުވެރިކަމުން ފައިދާ ލިބޭނެ މަސްރޫޢަކަށް ވާނެއެވެ.