އެންމެ މަތީ ފަންތީގައި ކުޅުން ނުދެއްކޭކަމަށް ބުނެ ބާސެލޯނާއިން އޭނާ ދޫކޮށްލި ދުވަހު ވަރަށް ބޮޑަށް ދެރަވި ކަމަށާއި އޭނާގެ އަގުވަޒަން ކުރަން ބާސެލޯނާއަށް ނޭނގުކަމަށް އެތުލެޓިކޯ މެޑްރިޑާއެކު އިއްޔެ ސްޕެނިޝް ލަލީގާ ކާމިޔާބު ކުރި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް ލުއިޒް ސްއަރޭޒް ބުނެފިއެވެ.

މިދިޔަ ސީޒަނަށްފަހު ބާސެލޯނާއިން ސްއަރޭޒް ދޫކޮށްލީ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި ބަޔާން މިޔުނިކް އަތުން 8-2 ގެ ބޮޑު ތަފާތަކުން ބަލިވެ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް އެކްލަބު ވެއްޓުނު ދަނޑިވަޅާއި ކްލަބު ދޫކޮށްލަން ބޭނުންވާކަން ކެޕްޓަން ލިއޮނަލް މެސީ ރަސްމީކޮށް ބާސާއަށް އެންގި ދަނޑިވަޅުގައެވެ.

"އަހަރެން އުމުރުން ދޮށިކަމަށާއި އެންމެ މަތީ ލެވެލްގައި ކުޅުން ނުދެއްކޭނެކަމަށް ބާސާއިން ބުނުމުން އެކަން ބަލައިގަންނަން އަހަންނަށް އުނދަގޫވި. އަހަރެންގެ އަގު ވަޒަން ކުރާކަށް ބާސާއަކަށް ނޭނގުނު" ވަލަޑޮލިޑް އަތުން 2-1 އިން މޮޅުވެ ޗެންޕިއަންކަން އެތުލެޓިކޯއިން ކަށަވަރު ކުރި މެޗަށްފަހު ފެންކަޅިވެފައި ހުރެ ސްއަރޭޒް،34، ބުންޏެވެ.

ސްއަރޭޒް ވަނީ އެތުލެޓިކޯއިން އޭނާއަށް އިތުބާރު ކުރީތީ އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް ބުނެފައެވެ. "އަބަދުވެސް އަހަރެން ޝުކުރުވެރިވާނަން މިކްލަބަށް (އެތުލެޓިކޯ މެޑްރިޑަށް) އަހަންނަށް އިތުބާރުކުރީތީ" މިސީޒަނުގައި އެތުލެޓިކޯއަށް 21 ލަނޑު ޖަހައިދިން ސްއަރޭޒް ބުންޏެވެ.

ވަލަޑޮލިޑް ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށްފަހު ސްއަރޭޒް ވަނީ ދަނޑު މަތީގައި ހުރެ ގާތް ރަހްމަތްތެރިޔާ މެސީއަށް ފޭސްޓައިމް އިން ގުޅާފައެވެ. މެސީއަކީ ބާސާއިން ސްއަރޭޒް ދޫކޮށްލުމުން ބާސާއަށް އެންމެ ބޮޑަށް ފާޑުކީ ކުޅުންތެރިޔާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ސްއަރޭޒް، މެސީއަށް ގުޅައިގެން. ދެކުޅުންތެރިންގެ އެކުވެރިކަން ވަރުގަދަ.

އެތުލެޓިކޯއަށް ސްޕެނިޝް ލަލީގާ ކާމިޔާބު ކުރެވިފައި މިވަނީ 7 އަހަރަށްފަހުއެވެ. އެފަހަރުވެސް ތަށި ހޯދީ މިހާރުގެ ކޯޗް އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުންނެވެ. ޗެމްޕިއަންކަމަށް އެތުލެޓިކޯއާ އެންމެ ކައިރިން ވާދަކުރީ ރެއާލް މެޑްރިޑެވެ. ބާސާ ދިޔައީ ތިންވަނަ އަށެވެ.