ވަރުގަދަ ޕީއެސްޖީ ފަހަތަށް ޖައްސާލުމަށްފަހު ފްރާންސް ލީގް ޗެމްޕިއަންކަން ރޭ ލިއްލެއިން ހޯދައި ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލައިފިއެވެ.
މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ނޭމާ އާއި އެމްބައްޕޭ އަދި އެންހެލް ޑިމާރިއާ ކުޅެމުންދާ ޕީއެސްޖީ ލީގް ފަހު މެޗުގައި ރޭ ބްރެސްޓް އަތުން 2-0 އިން މޮޅުވެގެން އެޓީމަށް މިސީޒަނުގައި ހަމަކުރެވުނީ 82 ޕޮއިންޓެވެ. މަޝްހޫރު ކުޅުންތެރިންތަކެއް ނެތް ލިއްލެއިން ޗެމްޕިއަންކަން ކަށަވަރު ކުރީ އެންޖާސް 2-1 އިން ބަލިކޮށް 83 ޕޮއިންޓް ހޯދައިގެންނެވެ.
މިއީ ފްރާންސް ލީގް ޗެމްޕިއަންކަން ލިއްލެއިން ހޯދި 5 ވަނަ ފަހަރެވެ. އެންމެފަހުން އެޓީމަށް ލީގް ޗެމްޕިއަންކަން ހޯދިފައި ވަނީ 11-2010 ސީޒަނުގައެވެ. އޭރު އެޓީމުގައި ހިމެނި ފަހުން ދުނިޔޭގެ ތަރިޔަކަށް ވެގެންދިޔަ ކުޅުންތެރިޔަކީ އެޑިން ހަޒާޑެވެ. ލީގުގައި މިސީޒަނުގައި ލިއްލެ ބަލިވެފައި ވަނީ އެންމެ 3 މެޗުންނެވެ. ޕީއެސްޖީ 8 މެޗުން ވަނީ ބަލިވެފައެވެ.
ލިއްލެއިން މިހޯދި ބޮޑު ކާމިޔާބީގެ މުގުލުގައި ހުރީ ފްރާންސުގެ ކުރީގެ ޑިފެންޑަރު ކްރިސްޓޮފާ ގަލްޓިއާއެވެ. ގަލްޓިއާގެ އިރުޝާދުގެ ދަށުން 2018-19 ސީޒަނުގައި ލިއްލެއިން ލީގުގު ދެވަނަ ހޯދިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ތަށި ހޯދުމަށްފަހު ގަލްޓިއާ ބުނީ މިއީ ވަރަށް ދިގު ރާސްތާއެއް ކަމަށާއި ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާނެ ގޮތް ބުނެދޭން ނޭނގޭ ކަމަށެވެ. "ވަރަށް ބޮޑު ޕްރެޝަރެއްގައި ލީގް އެންމެފަހު ދުވަހުވެސް މިއޮތީ. ޕީއެސްޖީ ފަހަތަށް ޖައްސައި ތަށި ހޯދުމަކީ އާދައިގެ އުފަލެއް ނޫން. ޝުކުރު ހައްގުވަނީ ކުޅުންތެރިންނަށް. އަހަރެމެން ޕީއެސްޖީ އަތުންވެސް ޕޮއިންޓް ހޯދިން. އަހަންނަށް ހަނދާން ނައްތައެއް ނުލެވޭނެ ނިމްސް އަތުން އަމިއްލަ ދަނޑުގައި ބަލިވެފައި ޖެހިގެން އައި މެޗުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުންތެރިން ޕީއެސްޖީ ބަލި ކުރި ދުވަސް" އުފަލުން ރޮވިފައި ހުރެ ގަލްޓިއާ ބުންޏެވެ.
ޔޫރަޕުގެ ބޮޑު ހަތަރު ލީގުގެ ތެރޭގައި ފްރާންސް ލީގް ނުހިމެނޭތީވެ، ފްރާންސް ލީގުން ޗެމްޕިއަންސް ލީގް އޮޓަމެޓިކް ޖާގަ ލިބެނީ ޗެމްޕިއަން ޓީމާއި ދެވަނައަށްދާ ޓީމަށެވެ. ތިންވަނައަށްދާ ޓީމަށް ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް ކޮލިފިކޭޝަން ރައުންޑުގައި ކުޅުމުގެ ފުރުސަތު ލިބެއެވެ. މިފަހަރު މިޖާގަ ހޯދީ މޮނާކޯއެވެ. ޔުރޮޕާ ލީގުން ޖާގަ ހޯދީ ލިއޯން އާއި މާސޭއެވެ. ރެލިގޭޓްވީ ނިމްސް އާއި ޑިޖޯއެވެ. ނޭންޓްސް ކުޅެން ޖެހިފައި ވަނީ ރެލިގޭޝަން ޕްލޭއޯފްއެވެ.