ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ފަންޑްރައިސިންގ ހަރަކާތުގައި އެވިޑް ކޮލެޖުގެެ ސްޓޫޑަންޓް ޔޫނިއަންއިން ބައިވެރިވެއްޖެއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އަދި މާސީ އިސްވެއޮވެ، ރާއްޖޭގެ ޔުނިވާސިޓީތަކާއި އަދި ކޮލެޖް ތަކުގެ ދަރިވަރުން ގުޅިގެން ހިންގާ ހަރަކާތެކެވެ. މާސީ ޖަމިއްޔާ އަކީ މިފަދަ އިންސާނީ އަދި އިޖުތިމާއީ މައްސަލަތަކަށް އެހީތެރިވުމަށް ފަންޑް ރެއިޒްކުރާ، ނޮން ޕްރޮފިޓް، ދިވެހި ޖަމިއްޔާއެކެވެ.
މި ހަރަކާތުގައި މިހާތަނަށް އެވިޑް ކޮލެޖް ގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރިކްސް ކޮލެޖް، މެޕްސް ކޮލެޖް، އެމްއައި ކޮލެޖުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮލެޖުތަކުން ބައިވެރިވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.
މިހަރަކާތުން ލިބޭ ފައިސާ މާސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ ފައިސާ މާސީ މެދުވެރިކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. ފަންޑްރައިސް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީޝާޓް ވިއްކުމާއި، މާސްކު ވިއްކުމުގެ އިތުރުން އެޗްޕީއޭގެ ހުއްދަ ލިބޭ މިންވަރަކުން މިސްކިތްތައް ކައިރީ ފަންޑު ފޮށި ބަހައްޓަން ނިންމާފައިވެއެވެ. އަދި އަމަލީގޮތުން މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ޣާޒާ ހަނގުރާމަ އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް، އެވިޑް ކޮލެޖުގެ ދަރިވަރުންގެ ކައުންސިލްގެ ރައީސް، އިބްރާހިމް އިމްލާޤް ވިދާޅުވިއެވެ.
މި އިވެންޓްގައި ފަންޑް ފޮށީގެ އިތުރުން، ތިރީގައި މިވާ އެކައުންޓް ނަންބަރަށް ޓްރާންސްފާ މެދުވެރިކޮށް ވެސް އެހީތެރި ވެވޭނެއެވެ.
7770000048136 ރުފިޔާ އެކައުންޓް – ބީއެމްއެލް
7770000048137 ޑޮލަރ އެކައުންޓް ބީއެމްއެލް
މި އިވެންޓްގައި ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވެ، އެބޭފުޅަކަށް ވެވެން އޮތް މިންވަރަކުން އެހީތެރި ވުމަކީ އެވިޑް ކޮލެޖާއި އަދި އެވިޑް ސްޓޫޑަންޓް ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.