މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންގެ ނަންތައް އިއުލާނުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ މަހުގައެވެ. އެގޮތުން 770 ފުރުސަތު ހުޅުވާލި އިރު، 1،176 ދަރިވަރުން ލޯނަށް ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ލޯނާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 417 ދަރިވަރަކަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުތަކުގައި، އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލޮޓް ކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން އެމްބީބީއެސް ކިޔަވާ 65 ދަރިވަރަކާ އަދި ޕައިލޮޓްކަން ކިޔަވާ 16 ދަރިވަރަކަށް ލޯން ދޭން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި އަހަރު އަލަށް ހުޅުވާލި ފުރުސަތުުތަކުގައި، ޕައިލޮޓްކަން ކިޔަވާ ދަރިވަރުންނާއި އެމްބީބީއެސް ކިޔަވާ ދަރިވަރުން ނޫންް ދާއިރާތަކުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ދާއިރާތަކަށް ލިބުނު ތަރުހީބު ކުޑަކަމަށާއި، އެގޮތުން ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ކުރިމަތިލި ފަރާތްތަކުގެ އަދަދު މަދުކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހަތް ދުވަހުގެ ފުރުސަތެއް ދޭނަކަމަށާއި، އަދި ޝަކުވާތަކަށް ބެލުމަށްފަހު ޖޫން 10 ގައި ފައިނަލް ލިސްޓް ނެރޭނެ ކަމަށެވެ.

ލޯނު ލިބޭ ދަރިވަރުންގެ ލިސްޓް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.