މިސީޒަން ހުސް އަތާ ނިންމާލި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނައި ސްޕެއިނުން ކުރިޔަށް އޮތް ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގެންދާ ސްކޮޑް މިއަދު އިއުލާން ކޮށްފިއެވެ.

މިއީ ސްޕެއިނުގެ ފުޓްބޯޅައިގެ ތާރިހުގައި ބޮޑު މުބާރާތެއްގައި އެގައުމުން ރެއާލް މެޑްރިޑަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިޔަކު ނުހިމަނައި ސްޕެއިނުން ސްކޮޑް އިއުލާން ކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ. އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓުނީ 2004 ވަނަ އަހަރުން ފެށިގެން ސްޕެއިން ގައުމީ ޓީމުގައި ޤަވައިދުން ހިމެނެމުން އަންނަ ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު އަދި ކެޕްޓަން ސާޖިއޯ ރާމޯސް ސްކޮޑުގައި ހިމެނިފައި ނުވާތީއެވެ. ކޯޗް އެންރިކޭ ބުނީ ރާމޯސް ސްކޮޑުގައި ނުހިމެނީ އޭނާއާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަނިޔާގެ ސަބަބުން ނިމިގެން ދިޔަ ސީޒަނުގައި 35 މެޗް އޭނާއަށް ގެއްލުނެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ ރެއާލް މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ޗެލްސީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގް ސެމީފައިނަލުގައި ރާމޯސް ކުޅުނެވެ.

"ސްކޮޑް ފައިނަލް ކުރުމުގެ ކުރިން އަހަރެން ރާމޯސްއަށް ގުޅިން. މިސީޒަނުގައި ރާމޯސްއަށް މުބާރާތްތަކުގައި ޓީމާއެކު (ރެއާލްއާއެކު) ވާދަކުރެވޭ ގޮތް ވަނީ ނުވެފައި. ޓީމާއެކު ފަރިތަކުރުންތަކުގައިވެސް ބައިވެރި ނުވެވި ދިޔައީ. މިއީ އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން" ސްޕެއިން ސްކޮޑުގައި ރާމޯސް ނުހިމެނި ސަބަބާ ގުޅޭ ގޮތުން އެންރީކޭ ބުންޏެވެ.

މިފަހަރު ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ފްރާންސްގެ އުމުރު ފުރާތަކުގެ ގައުމީ ޓީމަށް ކުޅެފައިވާ އަޔެމެރިކް ލަޕޯޓޭއެވެ. އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ލަޕޯޓޭ ސްޕެއިނުގެ ރައްވެހިކަން ހޯދީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ގްރޫޕް ސްޓޭޖުގައި ވާދަ ކުރަން ޖެހެނީ ސްވިޑަން އާއި ޕޮލެންޑް އަދި ސްލޮވާކިޔާއާއެވެ. ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު ނިކުންނާނީ ސްވިޑަންއާ ދެކޮޅަށެވެ. ސްޕެއިންއަކީ ޔޫރޯ 2008 އަދި 2012 ގެ ޗެންޕިއަނުންނެވެ.

ޔޫރޯގައި ވާދަކުރާ ސްޕެއިން ސްކޮޑް:

ކީޕަރުން: ޑޭވިޑް ޑެހެއާ ، އުނައި ސިމޯން ، ޜޮބާޓް ސަންޗޭޒް

ޑިފެންޑަރުން: ހޯސޭ ގަޔާ، ޖޯޑީ އަލްބާ، ޕައު ޓޮރޭސް، އަޔެމެރިކް ލަޕޯޓޭ، އެރިކް ގާސިއާ، ޑިއޭގޯ ލޮރެންޓޭ، ސެޒާ އަޒްބިލިކުއެޓާ، މާކޮސް ލޮރެންޓޯ

މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓް، ރޮޑްރީ، ޕެޑްރީ، ތިއާގޯ، ކޮކޭ، ފަބިއަން ރުއިޒް

ފޯވާޑުން: ޑެނީ އޮލްމޯ، މިކޭލް އޮޔަޒަބަލް، އަލްވާރޯ މޮރާއްޓާ، ޖެރާޑް މޮރޭނޯ، ފެރަން ޓޮރޭސް، އަޑަމާ ޓޮރައޮރޭ، ޕަބްލޯ ސެރަބިއާ