ކުރިއަށް އޮތް ޖޫން މަހު ފެށުމަށްފަހު ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނު ގައުމީ ޓީމާއި ހަވާލުވުމަށް ނިންމައި ހަންސީ ފްލިކް މިއަދު ކޮންޓްރެކްޓުގައި ސޮއި ކޮށްފިއެވެ.
ޖަރުމަނު ގައުމީ ޓީމު ފްލިކާއި ހަވާލު ކުރަން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ 2024 ގެ ނިޔަލަށެވެ. ފްލިކް ވަނީ ޖަރުމަނު ގައުމީ ޓީމުގެ މިހާރުގެ ކޯޗް ޔޯކިމް ލޯއާއެކު 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގައި ލޯގެ އެސިސްޓެންޓަކަށް މަސައްކަތް ކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނާއެކު ހޯދި ހޯދުމެވެ.
ގިނަބައެއްގެ ލޮލުގައި ފްލިކް އަޅައިގަތީ ވަގުތީ ގޮތުން ބަޔާން މިޔުނިކުގެ ކޯޗް ކަމާއި 2019 ވަނަ އަހަރު ހަވާލުވެ އެކްލަބަށް ޗެމްޕިއަންސް ލީގް 2020 ވަނަ އަހަރު ކާމިޔާބު ކޮށްދިނުމުންނެވެ. ވަކިން ހާއްސަކޮށް ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި އެފަހަރު ބާސެލޯނާގެ މައްޗަށް 8-2 ގެ ބޮޑު ތަފާތަކުން ބަޔާން މިޔުނިކް މޮޅުވުމުން އޭނާގެ ނަން ފުޓްބޯޅައިގެ ދުނިޔޭގައި ވިދަން ފެށިއެވެ. ފްލިކް،56، ވަނީ ބަޔާން މިޔުނިކުގައި ހޭދަކުރި ދެއަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ އިތުރުން ކްލަބު ވޯލްޑް ކަޕް އެއްހަރު، ޖަރުމަނު ބުންޑަސް ލީގާ 2 ފަހަރު، ޖަރުމަނު ކަޕް އެއްފަހަރު އަދި ޔުއެފާ ސްޕަރ ކަޕާއި ޖަރުމަނު ސްޕަރ ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.
ޖަރުމަނު ގައުމީ ޓީމާއި ހަވާލު ވުމަށްފަހު ފްލިކުގެ ފުރަތަމަ މަސައްކަތަކަށް ވާނީ އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ޖަރުމަނު ކޮލިފައި ކޮށްދިނުމެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރުގެ ޔޫރޯއަށް ޖަރުމަނު ކޮލިފައި ކޮށްދިނުމެވެ.