ޞިއްޙީ ދާއިރާއިން ކިޔެވުމަށްޓަކައި އެކި ބޭފުޅުންނަށް ވިލާގެ ޗެއާމަން ޤާސިމް އިބްރާހީމް ދެއްވާފައިވާ ލޯންތައް މާދަމާއިން ފެށިގެން މަޢާފު ކޮށްދެއްވުމަށް އެމަނިކުފާނު މިއަދު ނިންމަވައި ނަމޫނާ ދައްކަވައިފިއެވެ.

މިކަން ހާމަކުރައްވައި އެމަނިކުފާނު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕް ސްކީމް" ގެ ދަށުންނާއި އެމަނިކުފާނުގެ ލޯނު އެހީގެ ދަށުން އަދި މިނޫން ވެސް ގޮތަކުން އެމަނިކުފާނުގެ ފަރާތްޕުޅުން ޞިއްޙީ ދާއިރާއިން ކިޔެވުމަށް އެކިމިންވަރުގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ މީހުންގެ ލޯންތައް މަޢާފު ކޮށްދެއްވައިފި ކަމަށެވެ.

އެމަނިކުފާނުގެ އެހީތެރިކަމާއެކު މެޑިސިން، ނާސިން އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސްޓުންނާއި ލެބޯރަޓަރީ ޓެކްނީޝަނުން ވަރަށްގިނައެވެ. އަދި މެޑިކަލް ސައިންސްގެ ރޮނގުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން ވެސް އެބަ އުޅުއްވައެވެ.

އެބޭފުޅުންގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބައެއް ބައެއް ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ އެންމެހާ ބޭފުޅުންނަކީ އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެ ބޭފުޅުންގެ ތެރެއިން ކިޔަވާ ވިދާޅުވުމަށްޓަކައި އެއްވެސް ޤާސިމްގެ ފަރާތްޕުޅުން އެއްވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ލިބިވަޑައިގެންފައިވާނަމަ އޭގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާ ފައުންޑޭޝަނަށް ނުދެއްކިވާނަމަ އެ ނުދެއްކި އޮތް މިންވަރެއްގެ ފައިސާ މާދަމާއިން ފެށިގެން މަޢާފު ކޮށްދެއްވާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެ ފައިސާ މަޢާފު ކޮށްދެއްވީ މާތްﷲ ޙަޟުރަތުން ވާގި އެދިހުރެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ ކިތަންމެ ބޮޑު ފައިސާގެ ޢަދަދެއް ކަމަށް ވިޔަސް އަދި ކުޑަޢަދެއް ކަމަށް ވިޔަސް ވެސް މަޢާފު ކޮށްދެއްވައިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވެފައިވަނީ ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާކުންފުންޏަށް ވެސް ފޫނުބެއްދޭވަރުގެ ބޮޑެތިގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށާއި ދިވެހި ޤައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލްދާއިރާގެ ސްޓާފުން ވަރަށްބުރަކޮށް މަސައްކަތް ކުރައްވާކަން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މިއީ ވަރަށްގިނަ ވަގުތުތައް އެހައި އަވަދިނެތިކޮށް މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ މަސައްކަތަކީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ ނުރައްކާތެރި، އެހެނަސް މަތިވެރި ޚިދުމަތްތަކެއް ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެ ޚިދުމަތަކީ ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ޚިދުމަތެއް ކަމަށާއި އެހެންވެ ވިލާ ފައުންޑޭޝަނުގެ ފަރާތުން އެމަނިކުފާނު ނިންމެވީ "އިސްވެ ދެންނެވުނު ގޮތަށް ހަމަޖައްސައި އެކަން ތިޔައެންމެހައި ބޭފުޅުންނަށް ދެންނެވުމަށެވެ." ޤާސިމްގެ ބަޔާނުގައި ވެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ފާއިތުވި ދޮޅުއަހަރެއްހާ ދުވަސްތެރޭގައި ޞިއްޙީ އެހީތެރިން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި ޤާސިމް ވަނީ އެބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ.