މިއަހަރުގެ މެއި، ޖޫންގައި އޯލެވެލް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ދިއުމަށްޓަކައި ހާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހެން ބުނެފައިވަނީ ކޮވިޑްގެ ކޭސްތައް ގިނަވެ ކޮންޓްރޯލުން ނެއްޓުމުން، ކޮވިޑް ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމަށް ނިންމާފައި ވާތީއެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ހާއްސަ ފާސް ހިފައިގެންނެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް އިމްތިހާނު ކުރިއަށްދަނީ ރަނގަޅަށް އިންތިޒާމް ކުރެވިގެން ކަމަށާއި، އެގޮތުން ޕޮޒިޓިވް ވެފައިވާ ކުދިންނާއި ކަރަންޓީންގައި ތިބި ކުދިންނަށްވެސް ވަކި އެގްޒާމް ހޯލެއްގައި އިމްތިހާނު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

މިއަހަރުގެ މެއި، ޖޫން އޯލެވެލް އިމްތިހާނު ވަނީ މިމަހުގެ އެއް ވަނަ ދުވަހު ފަށައިފައެވެ. އަދި އިމްތިހާނު ނިމޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.