ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގަށް ނަޕޯލީ ކޮލިފައި ކޮށްނެދެވުމުން ކޯޗް ކަމުން ވަކިކުރިތާ ދެދުވަސް ފަހުން ފިއޮރެންޓީނާގެ ކޯޗްކަމުގެ މަގާމަށް ކުރީގެ މަޝްހޫރު ޑިފެންސިވް މިޑްފީލްޑަރު ގެންނަރޯ ގަޓޫސޯ މިއަދު ހަމަޖައްސައިފިއެވެ.

މުޅި ސީޒަނުގައި ކަހަލަ ގޮތަކަށް އިޓާލިއަން ސޭރިއޭގެ ގަދަ ހަތަރެއްގައި ހިފެހެއްޓި ނަޕޯލީއަށް ގަދަ ހަތަރަކުން ޖާގަ ގެއްލި ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވީ ލީގުގެ އެންމެފަހު ދުވަހު ވެރޯނާ އަތުން މޮޅު ނެވުމުންނެވެ. ޗެމްޕިއަންސް ލީގުން ޖާގަ ހޯދައި ނުދެވުނުތާ 2 ގަނޑިއިރު ތެރޭގައި ނަޕޯލީއިން ވަނީ ގަޓޫސޫ މަގާމުން ވަކި ކޮށްފައެވެ. ނަޕޯލީން ގަޓޫސޯ އެކްލަބުގެ ކޯޗަކަށް ހަމަޖެއްސީ 2019 ވަނަ އަހަރު ތަޖުރިބާކާރު ކޯޗް ކާލޯ އަންޗަލޮއްޓީ ވަކިކޮށްފައެވެ. ނަޕޯލީއާ ހަވާލުވެ ގަޓޫސޯ އެކްލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދިނަމަވެސް ކްލަބުގެ ޗެއާމަން އައުރެލިއޯ ޑި ލައުރެންޓިސްއާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ.

އިޓަލީގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ގަޓޫސޯއަށް ފިއޮރެންޓީނާގެ ކޯޗަކަށް ހަމަޖެއްސީ ތަޖުރިބާކާރު ކޯޗް މައުރީޝިއޯ ސައްރިވެސް އެމަގާމް ވަރަށް ބޮޑަށް ބޭނުންވެފައި ހުއްޓައެވެ. ފިއޮރެންޓީނާއިން ގަޓޫސޫއަށް ދިނީ ކިތައް އަހަރުގެ އެއްބަސްވުމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިޓާލިއަން ސީރިއޭގެ 13 ވަނައިގައި މިފަހަރު ނިންމާލަން ޖެހުނު ފިއޮރެންޓީނާގައި ގަޓޫސޯގެ މައިގަނޑު އަމާޒަކަށް ވާނީ އެޓީމަށް އެންމެ ދަށްވެގެން ޔުރޮޕާ ލީގުން ފުރުސަތު ހޯދައި ދިނުމެވެ. އެޓީމު އެންމެފަހުން ޔުރޮޕާ ލީގުގައި ކުޅެފައި ވަނީ 2018 ވަނަ އަހަރުއެވެ.

ފިއޮރެންޓީނާގައި މިވަގުތު ތިބި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބަޔާން މިޔުނިކާއި ފްރާންސްގެ ކުރީގެ ތަރި ފްރޭންކް ރިބެރީ އާއި ނިކޮލާ މިލެންކޮވިކް ފާހަގަ ކޮށްލެވެއެވެ. މީގެ ތެރެއިން މިސީޒަނުގައި 21 ލަނޑު ޖަހައިގެން ޔޫރަޕުގެ ބޮޑެތި ކްލަބުގެ ރާޑަރަށް އަރާފައިވާ ސާބިއާގެ ޒުވާން ފޯވާޑް ޑޫސަން ލަހޮވިކް،21، ފާހަގަ ކޮށްލެވެއެވެ.