ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކޮވިޑުން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކޮންސްޓްރަކްޝަން އަދި އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައި ހުންނަ ސައިޓެއް ނަމަ، ހާއްސަ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކާފިއުގެ ވަގުތުތަކުގައި ފިހާރަ، ކެފޭ/ރެސްޓޯރެންޓުތަކުން ޑެލިވަރީ ނޫން ގޮތަކަށް ހިދުމަތް ދިނުން މަނާކުރުން ހިމެނެއެވެ. އެވަގުތުގައި އޭގެއިން ހިދުމަތެއް ދީފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު 8 އަށް އިތުރު ކުރުމާއި، ފާސް ނެތި މަގުމަތީގައި އުޅުން މަނާކުރުން ވެސް ހިމެނެއެވެ